މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ހަސަން މިއަދު އާންމުކުރެއްވި ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ މި އަހަރުގެ ނޫސްވެރިންގެ އެވޯޑު ހަފުލާ އަންނަ މަހުގެ 12ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކުން 82 ހުށަހެޅުން ހުށަހަޅާފައިވާ އިރު، އިނާމު ދިނުމަށް ނިންމާފައިވާ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގުތިސޯދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އެންމެ އުންމީދީ ނޫސްވެރިޔާ، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއެވެ.
އޭގެ ތެރެއިން ނިއުސް ގްރެފިކްސްއާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާއެވެ.
އެމްއެމްސީން ބުނީ މިއަހަރު ހުރިހާ ދާއިރާއަކަށްވެސް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.