ގަވާއިދާހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލުކުރި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.

ގަވާއިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 200 އެއްހާ އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވަނިކޮށް އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވުމުންނާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވުމުންނެވެ.

އުޅަނދުތަކުގެ ރަޖިސްޓްރީތައް ބާތިލުކުރަން ނިންމުމުން އޭގެ ތެރެއިން ފަސް ފަރާތަކުން ވަނީ އެކަން ހުއްޓުވައިދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް މިމަހުގެ ހަތް ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ޓްރާންސްޕޯޓުން އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރީ ކޮން ސަބަބަކާ ގުޅިގެންކަމެއް ބަޔާންކޮށްފައިނުވާ ކަމަށާއި އަދި ރަޖިސްޓްރީ ބާތިލުކުރަމުންދަނީ ދުރާލާ އެންގުމެއްނެތި ކަމަށެވެ.

އެހެންވެ ދައުވާކުރި ފަސް ފަރާތުން އެދިފައިވަނީ، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ޓްރާންސްޕޯޓު ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ޓްރާންސްޕޯޓުގެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އަމުރެއް ނެރެ ދިނުމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނީ، ކުއްލި ގޮތަކަށް އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުން އުޅަނދުތަކުގެ ވެރިންނަށް ގެއްލުންވާނެ ކަމަށެވެ. އަދި އެފަރާތްތަކަށް މައުލޫއީ ގެއްލުމެއް ލިބިފައި ނެތް ކަމަށް ދައުލަތުން ބުންޏަސް ވަގުތީ އަމުރު ނެރުމަކާ ނުލައި މައުލޫއީ މައްސަލަ ބަލައި ނިމޭއިރު، މައްސަލައިގައި އެދިފައިވާ ފަދައިން އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށްފައިވަނީ ގާނޫނަށް ހިލާފަށްކަމަށް ކަނޑައެޅިގެންދާއިރު އެތަކެއް ދުވަހެއް ވެގެންދާނެ ކަމަށާއި އެ ވަގުތުގައި އުޅަނދު ބޭނުންކުރުމުގެ ހައްގުން އޭގެ ވެރިފަރާތް މަހުރޫމްވާނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

އެހެންވެ ސިވިލް ކޯޓުން ވަނީ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލު ކުރުން މަޑުޖެއްސުމަށް ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކެއްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައިވާ އިރު، އިއްޔެ ޓްރާންސްޕޯޓުން ވަނީ ގަވާއިދާ ހިލާފަށް އޭ ޒޯނަށް (މާލެ ޒޯނަށް) ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަވެގެން ރަޖިސްޓްރީ ބާތިލުކުރި އުޅަނދުތައް އަލުން، ގަވާއިދާ އެއްގޮތަށް މާލެ ޒޯނަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ދީފައެވެ.