ޚަބަރު

ގްރީން ޓެކުހުން މިހަރު ލިބުނު އާމްދަނީ 681 މިލިއަނަށް

މުހައްމަދު ޖަމްޝަތް ވަހީދު

މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދަައުލަތަށް 681 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ އޮގަސްޓު މަހުގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން އޮގަސްޓު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 73 މިިލިއަން ރުފިޔާއެވެ. ޖުލައި މަހު ލިބިފައިވަނީ 61 މިިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ އެހެނިހެން މަސްމަހާ އަޅައިބަލާއިރު އެންމެ މަދުން ގްރީން ޓެކްސް އާމްދަނީ ލިބުނު ދެ މަހެވެ.

ނަމަވެެސް ޖެނުއަރީން ފެށިގެން އޮގަސްޓުގެ ނިޔަލަށް ލިބުނު ގްރީން ޓެކުހުގެ ޖުމްލަ އަދަދު 681,603,866 އަށް އަރައެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި މިއަހަރު ގްރީން ޓެކުހަށް 823.7 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އޮގަސްޓު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރިސޯޓުތަކުން ގްރީން ޓެކުހަށް 69 މިލިއަން ރުފިޔާ ލިބިފައިވާއިރު ހޮޓާތަކުން 1.08 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގެސްޓްހައުސްތަކުން 2.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ލިވްއަބޯޑް އުޅަނދުތަކުން 2.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޮގަސްޓު މަހު އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެގޮތުން މާލެއިން ޖުމުލަ 868,655 ރުފިޔާ ދައްކާފައިވާ އިރު، އަތޮޅުގެ އެހެން ރަށްތަކުން ޖުމުލަ 27.6 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މި ލިސްޓުގައި ދެން އެންމެ ކުރީގައި އުޅޭ ރ. އަތޮޅުން 7.1 މިިލިއަން ދެއްކި އިރު، އއ. އަތޮޅުން ހަ މިލިއަން އަދި އދ. އަތޮޅުން 5.4 މިލިއަން ވަނީ ދައްކައިފައެވެ. މި ލިސްޓުގައި އެންމަ މަދުން ގްރީން ޓެކްސް ދެއްކީ ފުވައްމުލަކު ސިޓީންނެވެ. ފުވައްމުލަކުން ދައްކާފައި ވަނީ 2,563 ރުފިޔާއެވެ.

މެއި މަހު ގްރީން ފަންޑުން ހަރަދުކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބަނދަރުގެ މަޝްރޫއުތައް ފަދަ މުހިންމު މަޝްރޫއުތަކެއް ހިމެނޭހެން ޖުމުލަ 50 މަޝްރޫއަކަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. މި 50 މަޝްރޫއަށް އޮގަސްޓު މަހު އެކަނި 107 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޮގަސްޓު މަހުގެ ނިޔަލަށް ޖުމުލަ 539 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ގްރީން ޓެކުހުގެ އާމްދަނީން މިވަގުތު އެންމެ ބޮޑު ޕްރޮޖެކްޓެއް ހިންގަނީ ބ. ކެންދޫގައެވެ. އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ޖުމްލަ 19.5 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހަރަދުކޮށްފަ އެވެ.

މިދިޔަ އަހަރު އެ ފަންޑުގައި ހުރި 708 މިލިއަން ރުފިޔާ ހިމަނައިގެން ގްރީން ފަންޑުގައި މިހާރު ބާކީ ހުރީ 849.9 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.