ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އެވޯޑް ދިނުމުގެ ހަފުލާގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

މި އެވޯޑްތައް ދީފައި ވަނީ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އެވޯޑް ހަފްލާއެއްގައެވެ.

ބީއެމްއެލްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފު ނުވަތަ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑު ދެ މުވައްޒަފަކަށް ވަނީ ލިބިފައެވެ. އެއީ ނޯތް ކްލަސްޓާ މެނޭޖަރު ހަސަން އަގްލީމް އާއި ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް މުހައްމަދު އަޝްރަފެވެ.

ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ، ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަނަންސް ފާތިމަތު ފާރިހަތު ވަހީދު އާއި ސީނިއާ މެނޭޖަރު ޕްރީމިއަމް ބޭންކިން އަބްދުﷲ ސަބާހްގެ އިތުރުން ބީއެމްއެލް މޯބައިލް އެޕް ޓީމަށެވެ.

ބެސްޓް ލީޑާ އެވޯޑް ހޯދާފައިވަނީ ފަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދެވެ. ބެސްޓް މެނޭޖަރު އެވޯޑް ހޯދާފައިވަނީ ކޮމްޕްލައަންސް މެނޭޖަރު އަލީ ޒައިދު މުހައްމަދެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. އެގޮތުން ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމާ ސަވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެއެވެ.

މި ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން އާއި ބޭންކުގެ ބޯޑުގެ ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނެވެ.

މި ހަފްލާގައި އާއިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލްގެ ކާމިޔާބީ އާއި ކުރިއެރުމުގެ ބިނާއަކީ މުވައްޒަފުން ކަމަށެވެ.

"މުވައްޒަފުންގެ އަގުވަޒަންކުރުމަށް، މެދުކެނޑުމެއްނެތި މިފަދަ ހަފްލާ ބޭއްވޭކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

އެ ބޭންކުގެ ސިޔާސަތުތަކާއި، ވަޒީފާ ދިނުމާއި، މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފްވެރި އެވޯޑު "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑު" ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލްއަށް ލިބިފައިވެއެވެ.