ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިނޮވޭޝަން ލެބް ހެކަތަން މިއަދު ފަށައިފިއެވެ.

'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް' ތީމްގެ ދަށުން ހޮޓެލް ޖެންގައި މިއަދު ފެށި މި ހެކަތަންގައި 30 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެއެވެ.

ބީއެމްއެލުން މައުލޫމާތު ދޭ ގޮތުގައި 48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަންގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި ޓީމުތަކަށް ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. އަދިި މި ހެކަތަންގައި ތިން ޓީމު ހޮވައި، އެ ޓީމުތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

މި ހެކަތަންގައި ހޮވޭ ޓީމުތަކާއެކު އެ ފަރާތްތަކުން ހުށަހަޅާ ސޮލިއުޝަން ބޭންކާއެކު އެއްބަސްވެވޭ އަގެއްގައި ގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ޓީމުތަކަށް މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް ހަމަޖައްސައިދިނުމާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާގެ އިތުރުން ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ވެސް ބީއެމްއެލުން ދޭނެއެވެ.

މި ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.