މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ރޭ ބުނީ، ގަލޮޅުގައި ޕާކެއް ތަރައްގީކުރަން ނިންމީ އެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ޕާކެއް ތަރައްގީކޮށްދިނުމަށް ކައުންސިލުގައި އެދެމުންދާތީ ކަމަށެވެ.
ގަލޮޅުގައި ޕާކެއް ތަރައްގީކުރަނީ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ކަމަށާއި ޕާކު ތަރައްގީކުރާނީ އެ ބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ ޕާކުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ "ޕްލޭ އޭރިއާ" ގައި ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް އެކުލެވިގެންވާނެ ކަމަށެވެ. އަދި އެ ދެ ބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް" އަށް ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށްދިނުމުގެ ގޮތުން، ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު، ބެލެނިވެރިން އަރާމުކޮށްލާނެ ފުރުސަތު ދިނުމުގެ ގޮތުން، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ދިނުމަށް ވެސް ނިންމާފައިވާ ކަމަށާއި ޕާކުގެ އެހެން ސަރަހައްދުތަކުގައި ވެސް ތަފާތު ސީޓިންގް ޖާގަ ފަހިކޮށްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ހާއްސަ ތީމް އަކަށް ފަރުމާކޮށްފައިވާ 'ފްލާވާ ސީޓް' އަދި 'ލީފް ސީޓް' ތަކެއް ވެސް ޕާކުގައި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
އަލަށް ތަރައްގީކުރާ ޕާކުގައި އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމްއަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކްއެއް ބެހެއްޓުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަސްރަތުކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ "އައުޓްޑޯ ޖިމެއް" ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ. އަދި ޕާކުގެ ފާހާނަ ބްލޮކުގައި އަންހެން ފިރިހެން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ތަނަވަސްވާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯލް ކުޅޭނެ ކޯޓެއް ޕާކެއް އަދި އެސްޕޯޓްސް އޭރިޔާގެ ދަށުގައި، ގްރައުންޑް ލެވެލްގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯންއެއް ތަރައްގީކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އެ ޕާކިންގް ޒޯންއާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓު ހިމެނުމަށް ވެސް ވަނީ ނިންމައިފައެވެ.
ސިޓީ ކައުންސިލުން ބުނީ ސަލާހުއްދީން މިސްކިތާއި ޕާކާ ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމުގެ ގޮތުން އެ ސަރަހައްދު އަލިކުރުމަށް، ޕާކުގެ ފާރުގައި 'އެމްބެޑެޑް ލައިޓް' ހަރުކުރާނެ ކަމަށެވެ. އަދި ޕާކުގެ އެތެރޭގެ ލައިޓްތަކާއެކު، އެ ސަރަހައްދަކީ އެކަށީގެންވާ ވަރަށް ދިއްލިފައިވާ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު