ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޭމެންޓް ގޭޓްވޭ އަޕްގްރޭޑުކޮށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ސްކްރީންގެ ޑިޒައިނަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލްއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ބޭންކުގެ ކަސްޓަމަރުންނަށް އާ ސްކްރީން ފެންނާނެ ކަމަށެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކުން ރުފިޔާ ޓްރާންސާކުރާ އިރު، މިހާރު އޯޓީޕީ ފޮނުވެން ހުންނެނީ އީމެއިލް އަށާއި ފޯނަށެވެ. އަލަށް ގެނައި ބަދަލުގައި އޯޓީޕީ އީމެއިލަށާއި ފޯނު ނަމްބަރުގެ އިތުރަށް ޓޯކެން ކޮށްވެސް ކުރެވޭނެއެވެ.

އަލަށް ގެނައި ބަދަލުގައި އޯޓީޕީ ޖެހުމުގެ ކުރިންނާއި ފަހުން ވެސް މުއާމަލާތް ކެންސަލް ކުރެވެން ހުންނާނެއެވެ. ނަމަވެސް މިހާރު އެގޮތަށް ހިމާނަފައެއް ނުވެއެވެ.

މުއާމަލާތްތަކުގެ ރައްކާތެރިކަމަށްޓަކައި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

ބީއެމްއެލްއިން ކަސްޓަމަރުންނަށް ދޫކުރާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުގެ ސެކިއުރިޓީ ކޯޑުތަކަށް ވެސް މިއަދު ވަނީ ބަދަލު ގެނެސްފައެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ޕޭމަންޓް ގޭޓްވޭއަށް ދާދިފަހުން ގެނައި ބަދަލާއެކު އޮންލައިން ވިޔަފާރިތަކުގައި އެމެކްސް ކާޑު ބޭނުންކުރާ ނަމަ ސެކިއުރިޓީ ކޯޑުގެ ގޮތުގައި ބޭނުންކުރާ ކާޑު ވެރިފިކޭޝަން ވެލިއު (ސީވީވީ) ކޯޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އޮންލައިން ވިޔަފާރިތަކުގައި އެމެކްސް ކާޑު ބޭނުންކުރާ އިރު، މިއަދުން ފެށިގެން ބޭނުން ކުރަން ޖެހޭނީ ކާޑުގެ ކުރިމަތީގައި ޖަހާފައި އިންނަ ހަތަރު އަދަދުގެ ކޯޑު ކަމަށް ބޭންކުން ބުންޏެވެ.

އެމެކްސް ކާޑުތަކުގެ ސީވީވީ ގޮތުގައި މިހާތަނަށް ބޭނުންކުރަމުން އައީ ކާޑުގެ ފަހަތުގައި އިންނަ ތިން އަދަދުގެ ކޯޑެކެވެ. ނަމަވެސް އެ ބަދަލާއެކު އެ ކޯޑު ޖަހައިގެން ވިޔަފާރިއެއް ނުކުރެވޭނެއެވެ.