މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ ދިރާސާގައި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން "ނެކްޓަން" އިން ބޭނުންކުރާ ބޯޓު "އޮޑިސީ"ގެ ތެޔޮ ބިލަށް ފައިސާ ދައްކާފައިވާ ކަމަށް އެ ބޯޓުގެ ވެރިފަރާތް ކަމަށްވާ ދި އޯޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން (އޯސީފް) އިން ބުނެފިއެވެ.
ނެކްޓަން އިން ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް ބޭނުންކުރަމުންދާ ބޯޓު، "އޮޑިސީ" އަކީ އެމެރިކާގެ ޑެލެވެއާ ސްޓޭޓުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ އޯސީފް އިން ކުއްޔަށް ހިފާފައިވާ ބޯޓެކެވެ.
ދި ހޯކްސް ލިމިޓެޑުގެ ފަރާތުން އޯސީފްއަށް ވިއްކާފައިވާ ޑީސަލް އަގު ހޯދުމުގެ ގޮތުން ފޮނުވާފައިވާ އިންވޮއިސްގެ ޖުމުލަ އަދަދު 186،900 އެމެރިކާ ޑޮލަރު ދައްކާފައިނުވާތީ އޯސީފްގެ ރާއްޖޭގެ އެޖެންޓު ކަމަށްވާ އަލްފާ މައިކް ސާވިސަސްގެ މައްޗަށް ހޯކްސްއިން ވަނީ އެ ފައިސާ ހޯދުމަށާއި އެ ބޯޓު ހިފެހެއްޓުމަށް އެދި މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައެވެ.
އެ މައްސަލައިގެ ވަގުތީ އަމުރުގައި ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ، އޯސީފްއަކީ ރާއްޖެއިން ބޭރުގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެހެންކަމުން ޑީސަލުގެ އަގަށްވާ ފައިސާ ލިބުމުގެ ފުރުސަތު ހޯކްސްއަށް ގެއްލިފައިވާ ކަމަށެވެ. ހޯކްސްގެ ފަރާތުން އޯސީފްގެ މައްޗަށް ހުށަހަޅާފައިވާ މައުލޫއީ ދައުވާއާ ގުޅިގެން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން އަދި އޯސީފް އިން ހޯކްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން އެ އުޅަނދާއި އެ އުޅަނދުގެ ކެޕްޓަން ކަމަށްވާ ޑަމްކޮނޮކްސް ލަޑިސްލާވްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އިމިގްރޭޝަން އަދި އެމްއެންޑީއެފްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ހޯކްސްއިން އެދިފައިވާ ކަމަށް އަމުރުގައި ބުންޏެވެ.
ހޯކްސްއިން އެދުނު ގޮތަށް ސިވިލް ކޯޓުން ވަނީ އެ ބޯޓު ރާއްޖެއިން ފުރަން އުޅޭނަމަ ހިފެހެއްޓުމަށް ކަމާގުޅޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައެވެ.
އެ އަމުރާ ގުޅިގެން އޯސީފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޯޓުގެ ތެލަށްވާ ފައިސާގެ އަގު އެކީ އެއްފަހަރާ ދައްކައި ހަލާސްކޮށްފައިވާނެ ކަމަށެވެ. ފައިސާ ދައްކާފައިވުމުން ހޯކްސް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށް އޯސީފް އިން ބުންޏެވެ.
އޯސީފް އިން ބުނީ ދިރާސާކުރުމަށް ބޭނުންކުރަމުން ދިޔަ ބޯޓުގެ ތެލަށް ފައިސާ ދައްކަން ޖެހޭނީ އޯސީފް އިން ކަމަށާއި އެކަމުގެ ޒިންމާ ނެކްޓަން ނަގަން ނުޖެހޭ ކަމަށެވެ. އެ ބޯޓުގެ ތެޔޮ ބިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ލަސްވި ސަބަބު އޯސީފް އިން ބުނެފައެއް ނުވެއެވެ.
"ފައިސާ ނުދައްކާ އޮތް ބިލާއި އެ ފައިސާ ދެއްކުމަށް ނެރުނު ކޯޓު އަމުރުގެ ޒިންމާ ނަގަން. އެކަމުގައި ނެކްޓަން އިން އެއްވެސް ޒިންމާއެއް ނަގާކަށް ނުޖެހޭނެ،" އޯސީފްގެ ބަޔާނުގައި ބުންޏެވެ.
ފައިސާ ނުދެއްކުމުގެ ސަބަބުން ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް އޯސީފް އިން ބުންޏެވެ.
ދިރާސާކުރުމަށް ބޭނުންކުރަމުން އައި ބޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރުމުން ނެކްޓަންއިން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓުގެ ތެލަށްވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ އޯސީފް އިން ކަމަށެވެ. އަދި ސިވިލް ކޯޓުގެ އަމުރު އަމާޒުކޮށްފައިވަނީ އޯސީފްއަށް ކަމަށެވެ.
"ތެޔޮ ބިލަށް ފައިސާ ނުދެއްކި މައްސަލައިގައި ކޯޓުން އަމުރުކޮށްފައިވަނީ ނެކްޓަންގެ ބަދަލުގައި އޯސީފްގެ ވެރިން ފައިސާ ދެއްކުމަށް،" ނެކްޓަންއިން ބުނެފައިވެއެވެ.
ނެކްޓަން އިން ބުނެފައިވަނީ، ކަނޑުތައް ދިރާސާކުރުމުގެ ބޭނުމަށް އެ ބޯޓު ޗާޓަރު ކުރި މުއްދަތު މިމަހުގެ ހަތްވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. އަދި އެ ބޯޓަށް ނެކްޓަންއިން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ވެސް ނެކްޓަންއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު