ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ބައިނަލްއަގުވާމީ ބޭންކިން ދާއިރާގެ ތަޖުރިބާ ހޯއްދަވާފައިވާ ކާލް ސްޓުމްކަ އައްޔަންކުރަން މިއަދު ނިންމައިފިއެވެ.

މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސި ވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ކާލް، މިހާރު ހުންނެވީ ޔޫއޭއީގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތާ 2010 ވަނަ އަހަރު ގުޅިވަޑައިގެން އެ ބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި ކާލް ވަނީ ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވައިފައެވެ. އެ މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވީ 2017 ވަނަ އަހަރެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަހްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑިރެކްޓަރުގެ މަގާމުގައެވެ. އެ މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ހިދުމަތްތައް ބަލަހައްޓަވައިފައެވެ. އަދި ކާލް ވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރު، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހަވާލުވަމުން ކާލް ވިދާޅުވީ ބޭންކުގެ ހިންގުމާއި އޭނާ ހަވާލުވީ ވަރަށް އުފަލާއެކު ކަމަށާއި ބޭންކުގެ ބޯޑާއި އެގްޒެކްޓިވް މެނޭޖްމަންޓުގެ އިތުރުން މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޭންކުގެ ސްޓެރެޓެޖީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އަދި ބޭންކުން ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއް ދޭނީ ކަސްޓަމަރުންނަށް ކަމަށާއި އީޖާދީ ބަދަލާއި އިތުރު ފުރިހަމަ ކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުއްމީދުކުރާ ވަރަށްވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަކީ އޭނާގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

"ބީއެމްއެލްއަކީ ވަރަށްވެސް ކާމިޔާބު ތާރީހެއް އޮތް ބޭންކެއް.ބީއެމްއެލްއާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް،" ކާލް ވިދާޅުވިއެވެ.

ކާލް ވަނީ ބާކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑިރެކްޓާޝިޕްގެ މަގާމުވެސް ފުރުއްވައިފައެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑިރެކްޓާޝިޕްގެ މަގާމުތައް އަދާކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މަނީ އޮން ޑިމާންޑް، ބާކްލޭސް ލީސިން އަދި ބާކްލޭސް ބޭންކް ސީޝެލްސް ހިމެނެއެވެ.

ކާލްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެކެވެ. އޭނާ ވަނީ ޔުނިވަސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. ފްރާންސް، ސްވިޒަލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގުރާމުތައްވެސް ފުރިހަމަކުރައްވައިފައެވެ.

ބީއެމްއެލް މި ވަގުތު، ވަގުތީ ގޮތުން ހިންގަވަނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ. އައިޝަތު ނޫރައްދީންއާ އެ ބޭންކުގެ ހިންގުން ހަވާލުކުރީ ބޭންކުގެ ސީއީއޯއަކަށް ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޓިމް ސޯޔާ އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މިދިޔަ ޖޫން މަހު މަގާމުން ވަކިވެވަޑައިގަތުމުންނެވެ.