މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ ދިރާސާގައި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" ގެ ބޯޓަކުން ތެލަށް ފައިސާ ނުދައްކާތީ އެ ބޯޓު ރާއްޖޭގައި ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ނެކްޓަންއިން ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް ބޭނުންކުރަމުންދާ ބޯޓު "އޮޑީސީ" އަކީ އެމެރިކާގެ ޑެލެވެއާ ސްޓޭޓުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ދި އޯޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން (އޯސީއީއީއެފް) އިން ކުއްޔަށް ހިފާފައިވާ ބޯޓެކެވެ.
ދި ހޯކްސް ލިމިޓެޑްގެ ފަރާތުން އޯސީއީއީއެފްއަށް ވިއްކާފައިވާ ޑީސަލް އަގު ހޯދުމުގެ ގޮތުން ފޮނުވާފައިވާ އިންވޮއިސްގެ ޖުމުލަ އަދަދު 186،900 އެމެރިކާ ޑޮލަރު ދައްކާފައިނުވާތީ އޯސީއީއީއެފް ރާއްޖޭގެ އެޖެންޓު ކަމަށްވާ އަލްފާ މައިކް ސާވިސެސްގެ މައްޗަށް ހޯކްސްއިން ވަނީ އެ ފައިސާ ހޯދުމަށް އެދި މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައެވެ.
އެ މައްސަލައިގައި ހޯކްސްއިން ބުނެފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އޯސީއީއީއެފްގެ ފަރާތުން ހޯކްސްގެ ކަސްޓަމާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް އަލްފާ މައިކް ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްފަހު އޯސީއީއީއެފްގެ އުޅަނދަކަށް 105،000 ލީޓަރުގެ ޑީސަލް ފޯރުކޮށްދޭން އެދުމުން މިމަހުގެ ހަތަރުވަނަ ދުވަހު އެ ޑީސަލް ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިދިޔަ މަހުގެ 10 ގެ ކުރިން ޑީސަލުގެ އަގު ކަމަށްވާ 186،900 އެމެރިކާ ޑޮލަރު ދައްކަން އަންގާފައިވިޔަސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ހޯކްސްއިން ބުނެފައިވެއެވެ. އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބު ވެފައިވާ ކަމަށް ހޯކްސްއިން ބުނެފައިވެއެވެ.
އެ މައްސަލައިގެ ވަގުތީ އަމުރުގައި ސިވިލް ކޯޓުން މިއަދު ބުނީ، އޯސީއީއީއެފްއަކީ ރާއްޖެއިން ބޭރުގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެހެންކަމުން ޑީސަލުގެ އަގަށްވާ ފައިސާ ލިބުމުގެ ފުރުސަތު ހޯކްސްއަށް ގެއްލިފައިވާ ކަމަށެވެ. ހޯކްސްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޯސީއީއީއެފްގެ ނަން މަތީގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު (އޮޑިސީ) މިހާރު ރާއްޖޭގެ ކަނޑުގެ ބޯޑަރު ތެރޭގައިވުމުން، ހޯކްސްއިން ފޯރުކޮށްދީފައިވާ ހިދުމަތަށް ދައްކަންޖެހޭ އަގުގެ ސެކިއުރެޓީއަކަށް ނުވަތަ މުދަލަކަށް އެ އުޅަނދު ވެފައިވާ ކަމަށް އަމުރުގައި ބުންޏެވެ.
ހޯކްސްގެ ފަރާތުން އޯސީއީއީއެފްގެ މައްޗަށް ހުށަހަޅާފައިވާ މައުލޫއީ ދައުވާއާ ގުޅިގެން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން އަދި އޯސީއީއީއެފްއިން ހޯކްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން އެ އުޅަނދާއި އެ އުޅަނދުގެ ކެޕްޓަން ކަމަށްވާ ޑަމްކޮނޮކްސް ލަޑިސްލާވްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އިމިގްރޭޝަން އަދި އެމްއެންޑީއެފްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ހޯކްސްއިން އެދިފައިވާ ކަމަށް އަމުރުގައި ބުންޏެވެ.
ވަގުތީ އަމުރުގައި ބުނީ ހޯކްސްއިން އެދިފައިވާ ގޮތަށް އަމުރެ ނެރުމުގައި ތިން ކަމަކަށް ބަލަންޖެހޭ އިރު، އެ ހުރިހާ ކަމެއް ވެސް ފުރިހަމަވާ ކަމަށެވެ. އެއީ އަމުރަށް އެދޭ ފަރާތަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ ހައްގެއް ނުވަތަ ގާނޫނީ ޝަރުތެއް އޮތުމާއި އަމުރެ ނެރެނުދީފިނަަމަ ދައުވާކުރާ ފަރާތަށް ގެއްލުންވާނެކަމުގެ އިހުތިމާލު އޮތުމުގެ އިތުރުން ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތްކަމުގައިވުން ކަމަށެވެ.
"އިސްވެ ބަޔާންވެ ދިޔަގޮތަށް އެކަންކަން ހުރުމުން ސިވިލް ކޯޓުގެ ގަޒިއްޔާގެ މައުލޫއަށް ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން އޯސީއީއީއެފްގެ ނަންމަތީގައި ރަޖިސްޓަރީކޮށްފައިވާ ކަނޑު އުޅަނދު ކަމުގައިވާ އޮޑިސީ ރާއްޖެއިން ފުރައިގެން ދާން އުޅެފިނަމަ އެކަން ހުއްޓުވުމަށް ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް ދައުވާ ލިބޭ ފަރާތްތަކުގެ ޣައިރު ހާޒިރުގައި އަންގައި އަމުރުކޮށްފީމެވެ..،" ވަގުތީ އަމުރުގައި ބުންޏެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ފަރުހާދު ރަޝީދެވެ.
ނެކްޓަންއާއި މެރިން ރާއްޖޭގެ ރިސާޗު ސެންޓަރު ގުޅިގެން ރާއްޖޭގެ ކަނޑުތައް ދިރާސާކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދިރާސާ 35 ދުވަސްވަންދެން ކުރިއަށް ގެންދާނެއެވެ. ނެކްޓަންއިން ރާއްޖޭގައި ކުރަމުންދާ ދިރާސާގައި ވަނީ މީގެ ކުރިން ފެނިފައިނުވާ ކަމަށް ބެލިވިފައިވާ ދިރުމުން ފުރިފައިވާ ސަރަހައްދެއް ހޯދައިފައެވެ. ނެކްޓަންއިން ވަނީ ހުވަދޫ ކަނޑުގައި އޮންނަ މަޝްހޫރު "ސަތޯރަހަ" ތިލައިގެ ސަރަހައްދު މެޕުކޮށް، އެ ފަރުބަދައިގެ ބޮޑުމިން ވެސް ހޯދައިފައެވެ.
ނެކްޓަންއިން ބޭނުންކުރަމުން އައި ބޯޓު ހިފަހައްޓަން އަމުރުކޮށްފައި މިވަނީ ދިރާސާގެ ކަންކަން ނިމިފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު