ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދިޔަ، ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް، ހަށިގަނޑު މިއަދު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

އަޒްހާން ގެއްލުނުތާ ދެ ހަފުތާ ފަހުން މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުން ވަނީ، އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނިފައެވެ. ނަމަވެސް އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުން އެއީ އަޒްހާންގެ ހަށިގަނޑުކަން ކަށަަވަރު ކުރެވޭނީ ޕޯސްޓްމޯޓަމަށް ފަހުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އަޒްހާން ހޯދުމުގެ ތަހުގީގުގެ ތެރެއިން އޭނާ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހުޅުމާލެ ގެސްޓްހައުސްއަކަށް ގޮސްފައިވާކަން އެނގުނު ކަމަށާއި އެ ގެސްޓުހައުސް ހުންނަ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގަށް ދިން މައުލޫމާތުގެ އެހީގައި ވޯޓާ ތީމް ފާކް ސަރަހައްދު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު އިތުރު ސީސީޓީވީ ފޫޓޭޖެއް ބެލުމުން އަޒްހާން ސްކޭޓް ޕާކާ ދިމާލު އަތިރިމައްޗަށް ފައިބާ މަންޒަރާއި އެއަށްފަހު ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައުލޫމާތުގެ އަލީގައި އަޒްހާން ދެން ފެންނާނެ ކަަމަށް ބެލެވުނު ތަނާ އެންމެ ކައިރީގައި ހުރި ސީސީޓީވީ ފުޓޭޖު ބެލުމުން އަޒްހާން ފެނިފައިނުވާތީ އަނެއްކާވެސް ކުރިން ބަލައިފާސްކުރި ސަރަހައްދު އަލުން ބަލައިފައިވާނެ ކަމަށާއި އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަޒްހާން މަރާލައިފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ. އަޒްހާންގެ ފޯނު ހޯދައިފައިވާ އިރު، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކުވެސް އަދި ނެތެވެ.