ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުންނާއެކުގައި އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އާކުރަނީ އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ އިބުރަތްތެރި ފިލާވަޅުތަކުން ދެ ދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.

އަދި އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި އުންމަތުގެ މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަކުރާއިރު، މާތް ﷲ ހަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމުގެ އަޒުމް އާކުރަންޖެހޭ ކަމަށެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ އަހަރެއްގެވެސް ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ.