ކ. ހިންމަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތްތައް އެމްޓީސީސީން ނިންމާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ ޑިސެމްބަރު 29، 2019 ގައެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތްތައް މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެއްކޮށް ނިއްމާލާފައިވާ ކަމަށެވެ. އެއީ 5.30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ ހިންމަފުއްޓަށް ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިއުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް، ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހިންމަފުށީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ބަނދަރު ތަރައްގީކުރެވި ފުރިހަމަވެގެންދިޔުމަކީ އިގުތިސޯދީގޮތުން ވެސް އެކަމުގެ ފައިދާ ހިންމަފުށީ ރައްޔިތުންނަށް އިންތިހާއަށް ލިބިގެންދާނެ މުހިއްމު މަޝްރޫއެއް ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ދަށުން 19,895 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 9,900 އަކަ މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 251 މީޓަރުގެ އެއްގަމުތޮއްޓަކާއި 15 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލައިފައެވެ. އަދި 311 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި މިހާރު ހުރި ބަނދަރުގައި 1,200 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި އާ ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓެއް ވަނީ ހަދައިފައެވެ.
އޭގެ އިތުރުންވެސް 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 63 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބްލޮކްސް ހަރުކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު