ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލް، "ނޫވިލު" ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ސީޕްލޭން ޓާމިނަލް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޖިންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

ނޫވިލު ޓާމިނަލް މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް ބައެއް ހިދުމަތްތަކާއެކު މިދިޔަ ޖުލައި މަހުން ފެށިގެން އެ ތަނުން ޕަސިންޖަރުންނަށް ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

އެމްއޭސީއެލުން މައުލޫމާތު ދޭ ގޮތުގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް މިހާރު ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފައެވެ. އެގޮތުން ޓީއެމްއޭއާއި މަންޓާ ސީޕްލޭންގެ ހިދުމަތް މިހާރު ލިބެމުން ދާނީ އާ ޓާމިނަލުންނެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. ޖާގަ ތަނަވަސްކޮށް އަދި އެހާމެ ހިތްގައިމުކޮށް ހަދާފައިވާ އާ ސީޕްލޭން ޓާމިނަލުގައި "ދޮވެމި" ރީޓެއިލް ފިހާރައަކާއި 43 ލައުންޖު ހުރެއެވެ. އޭގެ ތެރޭގައި އެމްއޭސީއެލް ބިޒްނަސް ލައުންޖަކާއި އާއްމު ލައުންޖެއް ހުންނައިރު މި ލައުންޖުތަކުން މިހާރުވެސް އަންނަނީ ހިދުމަތް ދެމުންނެވެ. އަދި ރިސޯޓުތަކަށް ކުއްޔަށް ދޫކޮށްފައިވާ ލައުންޖުތަކުގެ ތެރެއިން ގިނަ ލައުންޖުތަކުން މިހާރު ވަނީ ބޭނުންކުރަން ފަށައިފައެވެ.

އާ ޓާމިނަލާއެކު ސީޕްލޭން އޮޕަރޭޝަންތަކަށް ޖުމުލަ 47 ޑޮކް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި އިތުރު 24 ޑޮކް އަޅަން ވަނީ ރާވައިފައެވެ. އަދި އާ ޓާމިނަލާ އިންވެގެން ހުރި ޑޮކްތަކުން ބޯޓުތަކަށް ފިއުލް އެޅޭ ގޮތަށް އޮޓޮމެޓިކް ފިއުލިން ސިސްޓަމްތައް ހަރުކޮށްފައި ހުރި އިރު، ފްލައިޓުތަކުގެ މެއިންޓެނެންސްއަށް އާ ޓާމިނަލުގެ ހޭންގަރުވެސް ދަނީ ބޭނުންކުރަން ފަށައިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަން ރާއްޖޭގައި ހިންގާއިރު ލޯ ސީޒަނުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 300 ސީޕްލޭން މޫވްމަންޓާއެކު އެވަރެޖުކޮށް 4،500 ފަސިންޖަރުން އެ ޓާމިނަލް ބޭނުންކުރާނެއެވެ. އަދި ހައި ސީޒަނުގައި ގާތްގަނޑަކަށް 600 ސީޕްލޭން މޫވްމަންޓާ އެކު އެވްރެޖްކޮށް 6،500 ފަސިންޖަރުން ޓާމިނަލް ބޭނުންކުރާނެ ކަމަށް ލަފާކުރާއިރު ސުޕަ ޕީކް ސީޒަންގައި ހިދުމަތް ބޭނުންކުރާ ފަސިންޖަރުންގެ އަދަދު 7000 އަށްވެސް އަރައެވެ.