Close
ލައިފް ސްޓައިލް

ފްލޫ ނާއީ: މިޔުޒިކީ ހަޔާތުގައި ދޮންބެ ފްލޫނާޝިދު އަޅައިދިން ފިޔަވަޅާއެކު އަމާޒު މުޅީން އެހެން އުސްމިނަކަށް

މަރިޔަމް ޝަފާ އިބްރާހިމް

"އެންމެ ފުރަތަމަ މިޔުޒިކަށް ޝައުގުވެރިކަން ދެވުނީ ގޭތެރެއިން. ގޭތެރެއިން ކޮންމެވެސް އެއްކަހަލަ މިޔުޒިކެއްގެ އަޑު ނޫނީ ކޮންމެވެސް ލަވައެއްގެ އަޑު ކުޑައިރު އަބަދުވެސް އިވޭނެ. ވަރަށްކުޑައިރު ޒީރޯޑިގްރީ އެޓޯލް ނާޝިދު އެއީ ދޮންބެ، ދޮންބެ އަޅުގަނޑަށް ޕިޗް ކުރަން ދަސްކޮށްދިނީ. ހަމަ ޕްރޮފެޝަނަލްކޮށް ޕިޗްޓްރެއިނިންއެއް ދިނީއޭ ބުނެވޭނީ. ކަންތައްތައް ހަނދާންހުންނަން ފެށިއިރު ނާއީވެސް މީ ލަވަކިޔާ މިޔުޒިކް ކުޅެން އެނގޭ ކުއްޖަކަށްވެފަ ހުރީ."

ފުލޫނިޔާ މުހައްމަދު ރަޝީދާއި އުއްސަކުރު ރަޒިއްޔާގެ ތިންވަނަ ދަރިފުޅު އަލީ ނާއިލް ނުވަތަ ފުލޫ ނާއީ، އޭނާ ލަވައާއި މިޔުޒިކުގެ މާޒީގެ ސޮފުހާތަކަށް އަލިއަޅުވަމުން ހަނދާންކޮށްލީ މަރުހޫމު ނާޝިދު އާދެ ޒީރޯޑިގްރީ ނާޝިދުގެ ނަމެވެ. ޒީރޯޑިގްރީ އެޓޯލްސް ބޭންޑަކީ ދިވެހިންގެ ތެރޭގައި އެބައެއްގެ ލަވަތައް އަދިވެސް މެދުކެނޑުމެއްނެތި އިވެމުން އަންނަ ބޭންޑެކެވެ. ވަގުތާއެކު ބަދަލުވަމުންދިޔަ ހާލަތާއެކު އެބޭންޑު އުވިގެންގޮސްފައިވީ ނަމަވެސް އެލަވަތަކާއި އެއަޑުތައް އަދި މިޔުޒިކަށް ވެސް ފަނޑުކަމެއް ނެތެވެ.

ނާއީ އަކީ ގިޓާކުޅުމާއި ލަވަކިޔުމުގެ ދާއިރާގައި އެންމެ ކުޑައިރުރުއްސުރެ ހަރަކާތްތެރިވަމުން އަންނަ ޒުވާނެކެވެ. ތައުލީމީ ހަޔާތުގައި، މަޖީދިއްޔާގައި ކިޔެވުމަށް އުޅުނުއިރު އުފެދުނު ބޭންޑެއްގައި، އަދުހަމް، ހަމީ، ނާހިން އަދި ޒިފާފާއެކު މަސައްކަތްކުރުމުގެ ތެރޭގައި ގިޓާ ކުޅުނު "އެހީނލުންދެކެން ހަވީރުގަޑީގާ" މިލަވައިގެ މިޔުޒިކާއި ރާގު އަދިވެސް ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. އެންމެ ފުރަތަމަ ލަވައެއް ނާއީ ހުށަހެޅީ އެދުވަސްވަރެވެ. އެއީ 'ނިރުވާނާ'ގެ 'ޕޮލީ' މިލަވައިގެ ކަވަރއެކެވެ.

ނާއީއަކީ ރޮކް، މެޓަލް، ޕަންކް، އަދި ފަންކްމިކްސް ޖޯންރާގެ މިޔުޒިކު ކުޅޭ ފަންނާނެކެވެ. ނާއީގެ ފުރަތަމަ އިލެކްޓްރޯނިކް އަލްބަމް ޕްރޮޑިއުސްކޮށްފައި ވަނީ ފިރާއެވެ. އަދި އޭނާގެ 'ބައިސާ' އަލްބަމް ޕްރޮޑިއުސް ކުރީ އަމިއްލައަށް ކަމަށްވާއިރު "ބައިސާ" ވަރަށް އަވަހަށް ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުން ފެންނާނެކަމުގެ އުފާވެރި ހަބަރު ނާއީ ހިއްސާކުރިއެވެ.

ރާއްޖޭގައި އުފެއްދުންތެރި އެހާމެ ހުނަރުވެރި މިޔުޒީޝަނުންނާއި ލަވަކިޔުންތެރިން ތިބިނަމަވެސް އާމްދަނީ ހޯދުމަށް އަދާ ކުރާ ރަސްމީ ވަޒީފާއެއްގެ ގޮތުގައި މިކަން ކުރެވެން ނޯންނަނީ ސަބަބުތަކެއް ހުރުމުންކަމަށް ނާއީ އޭނާގެ ތަޖުރިބާގެ އަލީގައި ކިޔައިދިނެވެ. ކޮންމެ ބަޔަކުވެސް މިދާއިރާއަށް ނުކުންނަން ޝައުގާއި ހުނަރާއި ގާބިލުކަން ހުރުމާއެކުވެސް ދިމާވާ ގޮން ޖެހުންތަކާއި ހުރަސްތަކާ ކުރިމަތިވުމަށްފަހު އެހެންޏާ ރިސޯޓު މިޔުޒިކު ހިޔާރުކުރެއެވެ. އެހެންނޫނީ އެހެން ކޮންމެވެސް ދާއިރާއެއް ހިޔާރުކޮށްގެން މިދާއިރާއަކީ ބައެއް ދުވަސްތަކުގައި ފޫހިފިލުވާލާ ހޮބީއަކަށް ވެދެއެވެ، މީގެ އަހަރުތަކެއް ކުރިން ނާއީމެން ކުޑައިރު ޕާފޯމް ކުރަން، ފަރިތަކޮށްލަން ގޭގެއާއި ޖަގަހަތައް ހުރެއެވެ. މަނާކުރާނެ، އަޑުލާނެ މީހަކު ނުހުރެއެވެ. ނުވަތަ މައްސަލަ ޖައްސާނެ މީހަކުވެސް ނުހުރެއެވެ. އެންމެންގެ އެ އެއްބައިވަންތަކަމާއި އެކުވެރި ގާތްކަން ވަނީ ގެއްލި ނެތިގެން ގޮސްފައެވެ.

ނާއީ އަށް ފުރަތަމަ މިޔުޒިކު ކުޅުމަށް ފެށުނީ ބެރު ޖަހަންދަސްކުރުމުގެ ތެރޭގައި ނަމަވެސް އެއާއެކުގައި ނާއީގެ ޝައުގު ގޮސް ގިޓާ އާއި ބޭސްކުޅުމުގެ ތެރެއަށް ހުއްޓި މިޔުޒިކާއި ލަވައިގެ ދުނިޔޭގައި ހަމަ ރަނގަޅަށްވެސް އުދުހިގަނެވުނީއެވެ. ލީޑް އަދި ރިދަމް ރިފްސް އާއި ފިލިން ސްޓައިލަށް ގިޓާ ކުޅޭ ނާއީގެ ލަވަތަކުގެ ޅެންތަކަކީވެސް ހަމައޭނާގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ޅެންތަކެކެވެ. އާއިލާގެ ވާރުތައިން ނާއީއަށް މިހުނަރުވެސް ވަނީ ލިބިފައެވެ.

ޒީރޯޑިގްރީއާއެކު މިޔުޒިކީ ހަޔާތުގެ ފެށުން ރިސޯޓުތަކުގެ ސްޓޭޖުން، ފަތުރުވެރިންގެ ހިތް އުފާކޮށްދިނުމުން ކުރިއަށް ދިއުމަށް ނާއީ އެތައް ހިތްވަރަކާއި މަސައްކަތްތަކެއް ކުރަންޖެހުނެވެ. ހާސްވެ ކަންބޮޑުވުމުގެ ތެރޭގައި ނާއީ އެކަނިމާއެކަނި ކުރި ހިތްވަރާއި މިންނެތް މަސައްކަތުން މިއަދު އަނެއްކާވެސް ނާއީއަށް މިޔުޒިކީ އުދަރެހުގައި ފިޔަޖަހާލުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ނާއީގެ ލަވަތަކުގެ ޅެންތަކުން މުޖުތަމައުގައި ހިނގަމުން އަންނަ ތަފާތު އެކިކަންކަމަށް އެކި ގޮތްގޮތަށް އަމާޒުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ނާއީ މަސައްކަތް ކުރަނީވެސް އެފަދަ މަންޒަރުތައް ސިފަކޮށްދިނުމަަށް ކަމަށާއި އެގޮތަށް ހިޔާލުތަކުގައި މަންޒަރުތައް އަތުރައިގެން ޅެމެއްގެ ސިފައިގައި ގެނެސްދީފައި ވަނީ ކޮންމެވެސް ކަހަލަ ވާހަކައެއް ކަމަށް ނާއީ ބުނެއެވެ. ނާއީއަށް މިގޮތަށް ވާހަކައެއް އެތުރުމަށް، ޅެން ހެދުމަށް ވަކި ފަސޭހަ ވަގުތެއް ފާހަގައެއް ނުވެއެވެ. ކޮންމެ ވަގުތަކުވެސް އޭނާއަށް އެކަން ކުރަން އެންމެ ރަނގަޅެވެ. ނާއީއަށް މިހާތަނަށް އެންމެ ހަނދާން ނައްތާލަން އުނދަގޫ މަސައްކަތެއްގެ ގޮތުގައި ސިކުނޑީގައި ހަރުލާފައި ހުންނަ މަސައްކަތަކީ 'ނާޝިދުގެ ބާރޑް އިން ފްލައިޓް' އަލްބަމް ރިލީޒު ކުރި ސެޝަނިސްޓް ޕާފޯމަންސެވެ.

ނާއީގެ ދުރު އުފާވެރި ހަނދާންތަކުގެ ތެރޭގައި ލިބުނު ހިތްގައިމު ތަޖުރިބާތައް ހިމެނެއެވެ. އޭރު މާލޭގައި ޕްރެކްޓިސް ކުރާނެ ތަންތަން މިހާރާ އަޅައިބަލާއިރު ކޮންމެވެސް ވަރަކަށް ލިބެން ހުއްޓަސް އޭރުވެސް ތަމްރީނު ވާނެ، ޝޯތަކަށް ތައްޔާރުވާނެ ތަނެއް ނުހުރެއެވެ. 90އިގެ އަހަރުތަކުގައި 'ތަރަބޭ'ގެ ޕްރެކްޓިސް ރޫމާއި ބްލޫވޭވް ސްޓޫޑިއޯއާއި މިހާރުގެ އެންސްޓޫޑިއޯ، އޭރުގެ އިއްބެގެ ސްޓޫޑިއޯއަކީ ނާއީމެން ޕްރެކްޓިސް ކުރި ތަންތަނެވެ. އެހެންކަމުން ޒީރޯޑިގްރީއާއެކު ނާއީވެސް ރިސޯޓްމިޔުޒިކަށް ދިޔައެވެ. އެ ތަޖުރިބާ އާއި ޒީރޯޑިގްރީގެ ފަރާތުން ލިބުނު މުހިންމު ފިލާވަޅުތަކާއި އިބްރަތްތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ނާއީ ބުނެއެވެ. އެއީ މުޅި އުމުރަށްވެސް އޭގެ ބޭނުންކުރެވޭނެ ތަޖުރިބާއެކެވެ.

ނާއީގެ އެންމެ ބޮޑު އުއްމީދަކީ އޭނާގެ މިޔުޒިކް ދިވެހިރާއްޖޭގެ ފަޒާއިން ބޭރުވެ، ބައިނަލްއަގުވާމީ އުދަރެހުގައި ވިދައިގަތުމެވެ. އޭނާގެ މި އުއްމީދުގައި ކުލަ ޖެއްސުމުގެ މަސައްކަތް ވަނީ މަޑުމަޑުން ފަށާފައެވެ. އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން ނާއީއަށް އެބައޮތެވެ. ކުރެވިފައިވާ ތަޖުރިބާތަކާއި ލިބިފައިވާ ތަފާތު ރަހަތަކުގެ އިބްރަތްތަކުން ފިލާވަޅެއް ދިނުމަށް، ނަސޭހަތެއްގެ ގޮތުން، ޒުވާންކުދިންނަށް ނާއީ ބުނެލަން ބޭނުންވަނީ އެއްވެސްފަރާތަކަށް ބަރޯސާ ނުވުމަށެވެ. އެހެން ފަރާތަކުން ކަމެއް ކޮށްދޭނެކަމަށް ކަރު ނަގައިގެން ނީނދެ، އަމިއްލައަށް ތިމާގެ އަމިއްލަ މަސައްކަތާއި ހިތްވަރުން، ކުރިއަށް ދިއުމުގެ މަގު ހޯދައިގެން ކާމިޔާބުގެ އައްސޭރިއަށް އަމިއްލައަށް ދާށެވެ.

ނާއީގެ އެންމެ ބޮޑު ހުވަފެނަކީ ނިއުޔޯކުގެ މެންހެޓްންގެ 'މެޑިސަންސް ސްކޮޔަރ ގާޑްން' ވެނިއުގައި އޭނާގެ ބޭންޑް ސީވީޑްޖޫސްގެ އިނގިރޭސި ލަވަތަކުގެ ޝޯއެއް ދިނުމެވެ. އެ ހުވަފެނަށް ސީދާ ކުލަ ގެނައުމަށް ސީވީޑް ޖޫސްގެ އިނގިރޭސިލަވަތައް މިހާރުވެސް ނާއީ ވަނީ ލިޔެ ތައްޔާރުކޮށްފައެވެ. މިހުވަފެން ސީދާވާނެކަމުގެ ފުރިހަމަ ޔަގީންކަން ނާއީއަށް ވަނީ ލިބިފައެވެ.

ކޮންމެ ވައްތަރެއްގެ މިޔުޒިކެއް ކުޅުމަށްވެސް ފަސޭހަ އަދި ހާއްސަކޮށް ކޮންމެ ކަހަލަ ޅެމެއްވެސް ދިވެހިންވެސް އިނގިރޭސިންވެސް ލިޔެތައްޔާރުކުރުމަކީ ނާއީއަށް ފަސޭހަކަމެކެވެ. އެހެންކަމުން މިދާއިރާއިން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް ރާއްޖެއަށްވުރެ ދުރަށް ދަތުރުކުރުން މުހިންމުކަމަށް ދެކޭތީ، ނާއީވެސް ކުރަނީ މަޑުމަޑުން އެމަސައްކަތެވެ.

ނާއީގެ މިޔުޒިކީ ހަޔާތުގެ އެންމެ ބޮޑު އެހީގެ ރޯލެއް އަދާކުރީ އޭނާގެ ދޮންބެ، މަރުހޫމް ޒީރޯޑިގްރީގެ ފުލޫ ނާޝިދެވެ. މަންމައާއި ބައްޕައާއި އާއިލާގެ އެންމެން އޭނާއަށް ހެޔޮއެދޭވަރާއި ލޯބިދީ އަޅައިލާތީ ނާއީ އެއެންމެނަށްވެސް ފަށްފަށުން ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ސީވީޑުޖޫސްގައި ނާއީއާއެކު މިޔުޒިކީ ކަންތައްތައް ކުރުމުގައި އުޅުނު އެންމެނަށް ނާއީ އިންތިހާއަށް ޝުކުރުވެރިވެއެވެ. ހާއްސަކޮށް ހުރިހާ ފޭންސް އާއި ސަޕޯޓު ކުރާ ހުރިހާ ފަރާތްތަކަށް ނާއީ ނިމުމެއް ނެތް ޝުކުރެއް އަދާކުރީ، އެމީހުންނާ ނުލައި އޭނާއަކީ އެއްވެސް މީހަކަށް ނުވާނެ ކަމަށް ދެކޭތީ ކަމަށް ބުނަމުންނެވެ. ދެން އޮތީ އެންމެ ހާއްސަ ފަހުގެ ޝުކުރެވެ. އެއީ ބައިސްކޯފުން ނާއީއަށް ދީފައިވާ އެހީ އާއި އެއްބާރުލުމަށް އޭނާ ހިތުގެ އަޑިން އަދާކުރާ ވަރަށް ބޮޑު ހާއްސަ ޝުކުރެކެވެ.