ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީކުރުމުގައި ދިރާގުން އަދާކޮށްފައިވާ މުހިންމު ދައުރު ދިވެހި ސަރުކާރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ފާހަގަކޮށް އަގުވަޒަންކޮށްފިއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފުލާގައި ދިރާގަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ 'ޕްރެޒިޑެންޓްސް ގޯލްޑް އެވޯޑް ފޯ އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަންސް ޓު ދަ ޑިވެލޮޕްމަންޓް އޮފް ޓޫރިޒަމް އިން ދަ މޯލްޑިވްސް' އެވޯޑް ލިބިފައެވެ.
އޭގެ އިތުރުން މަޓީން ދިން 'ފަތުރުވެރިކަމުގެ 50 އަހަރު' އެވޯޑްވެސް ދިރާގަށް ލިބިފައިވެއެވެ.
މި ދެ އެވޯޑްވެސް ދިރާގަށް ލިބިފައިވަނީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ތަރައްގީކޮށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގައި އެ ކުންފުނިން އަދާކޮށްފައިވާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.
ދިރާގުން ބުނީ މި ދެ އެވޯޑް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެ ކުންފުނީގެ ހިއްސާ އަގުވަޒަންކޮށް ދެއްވި އެވޯޑްތަކަށް ދިވެހި ސަރުކާރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެ ކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.
ދިރާގުން ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްގީކޮށް ޒަމާނީ އާ ބަދަލުތަކެއް ދިވެހި ފަތުރުވެރިކަމަށް ގެނައުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު