ހުޅުމާލޭ ފޭސް ދެޔަކުން ގެއްލިގެން ހޯދަމުންދަނިކޮށް ހުޅުމާލެ ފޭސް އެކެއްގެ ވޯޓާތީމްޕާކާދިމާލުން އެމަގުގެ އަނެއްފަރާތު ގަސްތަކުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 ގެ މަރުގެ މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކޮށް، އޭނާ ހޯދުމުގައި ފުލުހުންގެ އިހުމާލު އޮތް މިންވަރު ބަލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، އަޒްހާން ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އުފެދުފައިވާ ކަމަށެވެ.
"ހާއްސަކޮށް އަޒުހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނުނު ސަރަހައްދާ ދާދި ކައިރި ސަރަހައްދަކުންކަމުން އަޒްހާން ގެއްލިގެން 14 ވަރަކަށްދުވަސް ފާއިތުވެފައިވާއިރު ވެސް އޭނާއަށް ވީގޮތަކާއި، ވީތަނެއް ނުހޯދުމަކީ ނުހަނު ކަންބޮޑުވާކަމަކަށްވާތީ އާއި ޝައްކު ކުރެވޭ މީހަކުވެސް ނެތްކަމަށް ފުލުުންދަނީބުނަމުން،"
އަޒްހާން ހޯދުމުގައި ފުލުހުން ޑްރޯން އާއި ކުއްތާ ބޭނުންކޮށްފައި ނުވާ މައްސަލަ ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، އެ ވަސީލަތްތައް ބޭނުންކުރިނަމަ އެއަށްވުރެ ރަނގަޅުވީސްކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މިފަދަ އެތައް މަރުތައް ހިނަގަމުންދާއިރު މިކަންކަމާ ގުޅޭ އެކަށޭނަ މައުލޫމާތު އާއްމު ނުކުރާތީ އާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ ހިދުމަތުގެ ދައުރު މިހާރަށްވުރެ ފުޅާކޮށް ހަރުދަނާ ކުރަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
"އަޒްހާންގެ މަރުގެ ތަހުގީގު އިތުރަށް ފުޅާކޮށް އަވަސް ކުރުމަށްޓަކައި ފުުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށާއި މުއައްސަސާގެ ވެރިން ޒިންމާދާރު ކުރުމަށާއި، އެ ފަރާތްތަކުގެ އިހުމާލު މި މައްސަލައިގައި އޮތްވަރު ބެލުމަށް ގޮވާލައި، މިފަދަ މަރުތައް ރާއްޖޭގައި އިތުރުވާ މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލުކުމަށް ސަރުކާރަށް ގޮވާލަން،"
މި މައްސަލައަށް ބަހުސްކުރަން ނެގި ވޯޓުގައި، މައްސަލައަށް ބަހުސްކުރަން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 25 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު