އިންޑިއާއިން ދިވެހި ސިފައިންނަށް 24 އެއްގަމު އުޅަނދު ހަދިޔާކޮށްފިއެވެ.

އިންޑިއާއިން ރާއްޖޭގެ ސިފައިންނަށް 24 އެއްގަމު އުޅަނދު ހަދިޔާކުރާނެކަން އިއުލާނުކުރީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެމްއެންޑީއެފަށް އެ ވެހިކަލްތައް ހަދިޔާކުރެއްވީ، އެގައުމުގެ ފޮރިން ސެކްރެޓަރީ އެޗްއީ ވިނޭ ކުވަތުރާއެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ވެހިކަލްތަކާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކާއި ހަވާލުވެވަޑައިގެން މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއާއި ދިވެހިންނާ މެދު ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ސަލާމަތީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް އިންޑިއާއިން އަބަދުވެސް އެހީވާ ކަމަށެވެ.

އިންޑިއާއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ބައެއް އުޅަނދުތައް ހަދިޔާކޮށްފައެވެ.