ކޮވިޑުގެ ކުރިން ރާއްޖެއަށް މުދާ އެތެރެކުރަމުން އައި މިންވަރަށް މިހާރު މުދާ އެތެރެކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު އަލީ ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ފާއިތުވި އަހަރާ އަޅައި ބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އެކަމުން ދައްކުވައިދެނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުވަމުން އަންނަ މަންޒަރު ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ފާއިތުވި ނުވަ މަސްދުވަހު އެވްރެޖްކޮށް މަހެއްގެ މައްޗަށް 9،000 ކޮންޓެއިނަރުގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ފާއިތުވި އަހަރު އެތެރެކޮށްފައިވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 7،000 ކޮންޓެއިނަރުގެ މުދަލެވެ.

"މީގެން މިދައްކައިދެނީ ކޮވިޑުގެ ހާލަތަށްފަހު ރާޢްޖޭގެ އިގުތިސާދު ރަނގަޅުވަމުން އަންނަ މިންވަރު. ކޮވިޑުގެ ހާލަތާ އެއްކޮށް ކާގޯ ވޮލިއުމް 2019 އިން ފެށިގެން ވަރަށް ދަށްވި. ގާތްގަނޑަކަށް 50 އިންސައްތަ ދަށްވެފައި. 2020 ވަނަ އަހަރުގެ ފަހުންކޮޅުން ފެށިގެން 2021 ވަނަ އަހަރުގެ ކުރީކޮޅު މަޑުމަޑުން ރިކަވާ ވަމުން އައިސް، މިހާރު 2022 ވަނަ އަހަރުގެ މިހާތަނަށް މިފެނުނީ ހަމަ ފުދޭ ވަރަކަށް ބޮޑަށް ކާގޯ ވޮލިއުމް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުދާ އެތެރެކުރާ މިންވަރު އިތުރުވެފައިވާ އިރު، އެމުދާ ކްލިއާ ކުރުމުގެ މަސައްކަތްވެސް ހަލުވިކަމާ އެކު އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 200 ކޮންޓެއިނަރު ކުލިއާކޮށްފައިވާ އިރު، މިއަހަރު ދުވާލަކަށް އެވްރެޖުކޮށް 300 އަށްވުރެ ގިނަ ކޮންޓެއިނަރު ކްލިއާ ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެމްޕީއެލްއަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންގެދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ބައެއް ސަރަހައްދުތައް އޭރިއާތަކުގަ ޕޭވިންގެ ބޮޑުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދަން. އެއީ ބިންގަނޑު ލެވަލްކޮށް ގާ އަތުރާ ޕޭވްކުރުމުގެ މަސައްކަތް. އެތަންތަން ނިމުނީމަ އަޅުގަނޑުމެންނަށް އިތުރު ޖާގަ ކޮންމެސް ވަރަކަށް އިތުރުވެގެންދާނެ. އަދި ޔާޑު ތެރޭގައިވެސް އަޑިގުޑަން ހުރި ތަންތަން ރިޕެއާ ކުރުމުގެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން،" ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އެމްޕީއެލްގެ މަސައްކަތްތަކަށް ބޭނުންވާ އިތުރު އިކުއިޕްމަންޓްތައްވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާ ސްޓާފުންގެ ދަތިކަންވެސް ދިމާވެފައިވާ ކަމަށާއި އެކަން ހައްލުކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.