އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދައެއް ފުރަތަމަ ފަހަރަށް، ސައިންޓިފިކް ދިރާސާއެއްގެ ބޭނުމަށް މެޕުކޮށް، ޑޮކިއުމެންޓްކޮށްފިއެވެ.
ރާއްޖޭގެ ކަނޑުތަކުގެ ދިރާސާކުރުމަށް މިހާރު ކުރިއަށްގެންދާ "ނެކްޓަން މޯލްޑިވްސް މިޝަން"ގެ ބައިވެރިން ވަނީ ހުވަދޫ ކަނޑުގައި އޮންނަ މަޝްހޫރު "ސަތޯރަހަ" ތިލައިގެ ސަރަހައްދު މެޕުކޮށް، އެ ފަރުބަދައިގެ ބޮޑުމިން ހޯދައިފައެވެ.
ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަކޮށްގެން އެޓީމުން ކުރި ސާވޭއިން އެނގުނު ގޮތުގައި، އެ ފަރުބަދަ ހުރީ ކަނޑުގެ ސަތަހައިން ފެށިގެން 300 މީޓަރު އަޑީގައެވެ. ވަށަމިނުގައި 15 ނޮޓިކަލް މޭލު ހުންނަ އިރު، ފުންމިނުގައި 1،500 މީޓަރު ހުރެއެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގެ ވަށަމިނަށްވުރެ 8 ގުނަ ބޮޑެވެ. އެ ފަރުބަދަ މެޕްކުރުމަށް ނެކްޓަންއިން ބޭނުންކޮށްފައިވަނީ މަލްޓި ބީމް މެޕިން ޓެކްނޮލޮޖީއެވެ.
ރާއްޖޭގެ ކަނޑުތަކުގައި މި ބާވަތުގެ 34 ފަރުބަދައެއް ހުންނަކަމަށް ރެކޯޑު ކުރެވިފައިވާ އިރު، މިއީ މިހާތަނަށް ދުނިޔޭގައި މި ބާތުގެ ސްޓަޑީ ނުވަތަ މައުލޫމާތު އެއްކުރި 300 ފަރުބަދައިގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ފުރަތަމަ ފަރުބަދައެވެ. ދުނިޔޭގެ އެތައް ކަނޑެއްގައި 1000 މީޓަރަށް ވުރެ އުހުގައި 100،000 ފަރުބަދަ ހުންނަކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
ނެކްޓަންއިން އާއްމުކުރި ވީޑިއޯއެއްގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ، މި ދިރާސާގައި ބަލަން ބޭނުންވީ، "ސަތޯރަހަ" ސަރަހައްދުގައި މަސްމަހާމެހި އެހާ ގިނައިން އުޅެނީ ކީއްވެތޯ ކަމަށެވެ. ނަމަވެސް، މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވުމުން ސަބްމާސިބަލްތަކާއި ސާވޭއަށް ބޭނުންކުރާ އެހެން ވަސީލަތްތައް ކަނޑުއަޑިއަށް ފޮނުވައިގެން އެ ފަރުބަދައިގެ ބައިތައް ބެލިފައިނުވާ ކަމަށެވެ.
މަސްވެރިކަމަށް މަޝްހޫރު "ސަތޯރަހަ" ސަރަހައްދާ ގުޅޭގޮތުން ވަރަށް މަޝްހޫރު ތޯތޯ ވާހަކައެއް ވެސް އޮވެއެވެ. އެއީ، 1960ގެ އަހަރުތަކުގައި ޖަޕާނުގެ ސަތޯ ނަމަކަށް ކިޔުނު ދިރާސާވެރިޔަކު އެ ސަރަހައްދުގެ ސާވޭއެއް ކުރުމަށް ކަނޑުއަޑިއަށް ފައިބާ އުޅެނިކޮށް، ބޮޑު ކަކުންޏެއް އޭނާއަށް ހަމަލާދީ ކާލި ކަމަށެވެ. އެ ސަރަހައްދަށް "ސަތޯރަހަ" ކިޔަނީ އެހެންވެ ކަމަށް ބުނެ އުޅެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު