ކ. މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޕްރިޒަން އޮފިސަރަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މަރުވެފައިވަނީ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދު، 32އ. އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފުށީ ޖަލުގައި މިރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންދެވިފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނިކޮށް މިރޭ މަރުވެފައިވާ ކަމަށެވެ.
ނަމަވެސް ނިއުޝާދަށް ދިމާވި ސިއްހީ މައްސަލައަކީ ކޮބައިކަމެއް އަހުމަދު މުހައްމަދުފުޅު ހާމަކުރައްވައިފައެއް ނުވެއެވެ.
އާދަމް ނިއުޝާދު މަރުވުމަކީ އޭނާ އާއި މުޅި މުއައްސަސާގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ނުހަނު ފުން ހިތާމައެއް ކުރިމަތި ކުރުވި ހަބަރެއް ކަމަށްވެސް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.
ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނީ އޭނާ އެ ސާވިސްއާ ގުޅުނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ މާފުށީ ޖަލުގެ އެކިއެކި ޔުނިޓްތަކުގައި ހިދުމަތްކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު