ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ލޯ މެޑަލް ރާއްޖެއިން ހޯދައިފިއެވެ.
މި ސަރަހައްދުގެ އެންމެ ބޮޑު ބާސްކެޓް މުބާރާތުގައި ރާއްޖެއިން ދެވަނަ ފަހަރަށް ލޯ މެޑަލް ހޯދީ މިރޭ ކުޅުނު މެޗުގައި 86-34 އިން ބޫޓާން ބަލިކޮށްގެންނެވެ. ރާއްޖެއިން މީގެ ކުރިން ލޯ މެޑަލް ހޯދީ 2016 ވަނަ އަހަރު ނޭޕާލުގެ ކަތަމަންޑޫގައި ބޭއްވި މުބާރާތުންނެވެ. މިފަހަރުގެ މުބާރާތް މިރޭ ނިމިގެން ގޮސްފައިވާ އިރު، ޗެމްޕިއަނުންނަކީ ހަމަ އެ އަހަރުގެ ވެސް ޗެމްޕިއަން ސްރީ ލަންކާއެވެ. ރިހި މެޑަލް ހޯދީ ނޭޕާލުންނެވެ.
ރާއްޖޭގައި މިމަހު 25 ވަނަ ދުވަހު ފެށި ސާބާ މުބާރާތުގައި ވާދަކޮށްފައި ވަނީ ހަތަރު ޓީމަކުންނެވެ. މިފަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅެފައިވާ އިރު، ރާއްޖެއިން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައެވެ. ރާއްޖެއިން މުބާރާތް ފެށީ ނޭޕާލު އަތުން ހޯދި ތާރީހީ އަދި އުންމީދީ މޮޅުންނެވެ. އެހެން ނަމަވެސް ދެވަނަ މެޗުގައި ސްރީ ލަންކާ ކައިރިން ބަލިވި އިރު، ރާއްޖެއަށް ރިހި މެޑަލް ނުލިބުނީ ނޭޕާލުން ލަންކާ ބަލިކޮށް، ބޫޓާންވެސް ބަލިކޮށްފައި އޮތުމުންނެވެ.
ސާބާ ދެ މުބާރާތުގެ އިތުރުން އަންހެން ބާސްކެޓް ޓީމުން ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގެވެސް ލޯ މެޑަލް ހޯދައިފައެވެ. ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި މިފަހަރުގެ މުބާރާތުންވެސް ލޯ މެޑަލް ހޯދީ ސްރީ ލަންކާގެ ކޯޗު ސުޕުން ވިމާލްގެ އިރުޝާދުގެ ދަށުންނެވެ. މިއީ ސުޕުން ގައުމީ ޓީމާއެކު ފަހު މުބާރާތްވެސް މެއެވެ.
ޒުވާނުންގެ މަރުކަޒުގައި މިރޭ ކުޅުނު މެޗުގައި ރާއްޖެއިން ވަނީ މޮޅަށް ކުޅެފައެވެ. ފާތިމަތު ޝައިލާން އަފްޒަލާއި ފާތިމަތު ރިޝްމާ ރަނގަޅު ފޯމެއްގައި މެޗުގެ ކުރީކޮޅުގައި ކުޅުނު އިރު، މިރޭގެ މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީވެސް ރިޝްމާއެވެ. އޭނާ ވަނީ މިރޭގެ މެޗުގައި ޖުމްލަ 33 ޕޮއިންޓް ނަގައިދީފައެވެ. ޝައިލާން 13 ޕޮއިންޓް ކާމިޔާބުކޮށްދިން އިރު، މެޗުގެ ފަހު ދެ ކުއާޓާގައިވެސް މޮޅަށް ކުޅުނު ރައިފާ އިބްރާހިމްގެ ފަރާތުން 17 ޕޮއިންޓް ނަގައިދީފައެވެ.
ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ބެންޗުން ނުކުމެ މޮޅަށް ކުޅުނު ހައުމާ އުބައިދުﷲގެ ކުޅުން މިރޭވެސް ފާހަގަވިއެވެ. މިރޭގެ މެޗުގައިވެސް އޭނާ ވަނީ ދެ ތުރީ ޕޮއިންޓް ނަގައިދީފައެވެ. މެޗުގައި ކޯޗު ސުޕުން ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލް ބާރީ ބޭނުން ކުރީ ވަރަށް މަދު ވަގުތު ކޮޅަކަށެވެ. އަދި އިސްރާއު އަބްދުއް ޝުކޫރު (އިއްކޮ) ވެސް ކުޅެން އެރުވީ ތިންވަނަ ކުއާޓާ އަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ރަނގަޅަށް ކުޅެ 10 ޕޮއިންޓް ނަގައިދީފައެވެ.
މިރޭގެ މެޗުގައި ބޫޓާނަށް އެންމެ ރަނގަޅަށް ކުޅުނު ޔަންގްކީއަށް ކާމިޔާބުކުރެވުނީ އަށް ޕޮއިންޓެވެ. ބޫޓާނުން މުބާރާތަށް ޒުވާން ޓީމަކާ އެކު އައިސްފައިވާ އިރު، އެޓީމުންވެސް ވަނީ މެޗަކަށްވުރެ މެޗެއް ޓެކްޓިކަލީ ރަނގަޅުކުރަން މަސައްކަތް ކޮށްފައެވެ. ކުރިން މެޗުތަކުގައި ވަރަށް ބޮޑަށް، ހަމައެކަނި ޒޯނަލް ޑިފެންޑިންއެއްގައި ބޫޓާން ފެނުނު ނަމަވެސް، މިރޭގެ މެޗުގައި ކޮންމެވެސް ވަރަކަށް ފުލް ކޯޓުގައި ޕްރެސް ކޮށްގެން ކުޅުނު މަންޒަރު ފެނުނެވެ. އެހެން ނަމަވެސް އެޓީމަށް ރާއްޖޭގެ ކޮލިޓީ ބީޓް ކުރެވިފައެއް ނުވެއެވެ.
ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތް 2022