މީގެ 60 އެއްހާ އަހަރު ކުރިން 1962 ހާ ހިސާބުގައި، ދައުލަތުން ނީލަން ކިޔައި އެ ނީލަމުގެ ފައިސާ ދައުލަތަށް ނަގާފައިވާކަމަށްބުނެ އެކަމުގެ ބަދަލެއްގެ ގޮތުން ދައުލަތުން 1.8 މިލިޔަން ރުފިޔާ ހޯދުމަށް މީހަކު ކުރި ދައުވާ ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ، ގދ. ތިނަދޫ ނީނާނީޒް މުހައްމަދު ސައީދެވެ.
އެ ދައުވާގައި ބުނެފައިވަނީ، ދައުލަތަށް ފައިސާ ނަގާފައިވަނީ، އޭނާގެ މަންމަ އާއި ދޮން ބައްޕަގެ އަމިއްލަ މުދާ ހޭދަކޮށްގެން ބަނދެފައިވާ 18 ރިޔަނުގެ އާ ބައްތެއްޔެއް ނީލަން ކިޔައިގެން ކަމަށެވެ.
މި މައްސަލައިގައި ދައުލަތާ ދެކޮޅަށް ފުރަތަމަ ދައުވާ ކުރީ ސިވިލް ކޯޓުގައެވެ. މައްސަލަަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއީ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށްކަމަށް ބުނެ ސައީދުގެ ފަރާތުން އެ ހުކުމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މި އިސްތިއުނާފީ ދައުވާ ހައިކޯޓުގައި ކުރިއަށް ގެންދަން ޖެހޭ ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެ މައްސަލައިގެ ދައުވާފޯމް ބާތިލުކަމަށް ކަނޑައަޅާ ކަމަށެވެ.
ޚަބަރު
ޚަބަރު