ކެޕްޓަނުންނާއި އިންޖިނިއަރުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގައި ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 30 އޮފިސަރުން ތަމްރީނު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރާ ބެހޭ ދުވަހާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކަނޑުދަތުރުފަތުރު ގެ ސިނާއަތަށް ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުން ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތް ހަރުދަނާ ކުރުމަށްޓަކައި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައި މެރިޓައިމް އޯގަނައިޒޭޝަންގެ އެހީގައި ކަންކަން ހަރުދަނާ ކުރުމަށް މި އަހަރު މަސައްކަތް ފަށާފައިވާ ކަމަށާއި އެ ދާއިރާ ހަރުދަނާ ކުރުމަށް ހަދާ 14 ގަވާއިދެއް މިހާރު ވަނީ ނިންމުމުގެ މަރުހަލާގައި ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ. އަދި ކެޕްޓަނުންނާއި އިންޖިނިއަރުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގުރާމުގައި ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 30 އޮފިސަރުން ތަމްރީނު ކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން 2020 ވަނަ އަހަރު، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި އުފެއްދި ޝިޕިން ލައިނުގެ މަސައްކަތް ހަރުދަނާ ކުރަމުން އަންނަކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ އެ ޝިޕިން ލައިންގެ ސަބަބުން ރާއްޖެއަށް މުދާ ގެނައުމަށާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށް، އަދި މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ އިތުރު ފުރުސަތުތައް ލިބެން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ އެ ދާއިރާގެ މައުލޫމާތު ސްކޫލު ދަރިވަރުންނަށް ފޯރުކޮށްދީގެން ކަމަށާއި، މި އަހަރު ރާއްޖޭގައި ފާހަގަކުރަމުން އަންނަ "މެރިޓައިމް ސޭފްޓީ ވީކް" ވެސް އެންމެ ބޮޑަށް އަމާޒު ކޮށްފައިވަނީ ސްކޫލު ކުދިންނަށް ކަމަށް ބުންޏެވެ. މި ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ދާއިރާގެ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގުރާމެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

މިނިސްޓްރީން ބުނީ މި ހަރަކާތުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް މި ސިނާއަތަށް ލޯބި ޖެހި މި ސިނާއަތް އިތުރަށް ފުޅާވެ އަދި މި އަހަރުގެ ޝިއާރުގައިވެސް ކަނޑައަޅާފައިވާ ގޮތަށް އާ ޓެކްނޮލޮޖީ ހޯދާނެ ޖީލެއް ބިނާކުރުމަށް ބާރަކަށް ވެގެން ދާނެ ކަމަށެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ދުވަހުގެ ޝިއާރަކީ "ނިއު ޓެކްނޮލޮޖީސް ފޯ ގްރީނާ ޝިޕިން" އެވެ.