ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ދިވެހި ރާއްޖޭގެ މައްޗަށް ކުރި ހޯދައި، ސްރީ ލަންކާއިން ރަން މެޑަލް ދިފާއުކޮށްފައެވެ.

އެންމެފަހުން 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ އަންހެން މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދި ސްރީލަންކާއިން ރަން މެޑަލް ޔަގީންކުރީ 72-59 ޕޮއިންޓުން މިރޭގެ މެޗު ކާމިޔާބު ކޮށްގެންނެވެ. ލަންކާއިން ފުރަތަމަ މެޗުގައި ނޭޕާލް ކައިރިން ބަލިވި ނަމަވެސް ބޫޓާން ކައިރިން ހޯދި ތަފާތު ބޮޑު މޮޅުން އެޓީމު ފައިދާ ނެގިއެވެ. ނޭޕާލުން މިއަދު ހަވީރު ކުޅުނު މެޗުން ބޫޓާން ބަލިކުރީ 65-26 އިން ކަމަށްވާ އިރު، މިހާރު އޮތް ގޮތުން ރާއްޖެއަށް މިފަހަރުގެ މުބާރާތުންވެސް ހޯދެން އޮތީ ލޯ މެޑަލްއެވެ. އެއީ މާދަމާ ރޭ ބޫޓާން ބަލިކޮށްގެންނެވެ.

ރާއްޖޭން ވަނީ 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ މުބާރާތާއި 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ލޯ މެޑަލް ހޯދައިފައެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ ދެ ކުއާޓާގައިވެސް ލަންކާ ފެނުނީ މާ ބޮޑަށްވެސް ރަނގަޅުކޮށް، އޯގަނައިޒް ކޮށެވެ. ފުލް ކޯޓާއި ހާފު ކޯޓުގައިވެސް ރަނގަޅަށް ޑިފެންސްކޮށް ލަންކާއިން ރާއްޖޭގެ އެޓޭކްތައް ހުއްޓުވަން މުހިއްމު ރޯލެއް އަދާކުރިއެވެ. އެޓީމަށް ރާއްޖެ ހުއްޓުވަން އެންމެ މުހިއްމު ކުޅުމެއް ދެއްކީ ނިރްމާ ސަސަންތީ އާއި ބެނިކާއެވެ.

ރާއްޖެއިން ނޭޕާލް ބަލިކުރި މެޗުގައި މޮޅަށް ކުޅުނު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ)ގެ ފަރާތުން ފުރަތަމަ ދެ ކުއާޓާގައިވެސް ގިނަ ގޯސްތަކެއް ފެނުނު އިރު، އޭނާ ފެނުނީ އެންމެ ފިޓް ކޮށެއް ނޫނެވެ. ފުރަތަމަ ދެ ކުއާޓާގައިވެސް ރާއްޖެއަށް އެންމެ ރަނގަޅަށް ޕޮއިންޓް ނަގައިދިނީ ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލް ބާރީއެވެ. ފުރަތަމަ ކުއާޓާގައި އޭނާ ރަނގަޅު ފްރީ ތްރޫތަކަކުން ޕޮއިންޓް ނަގައި ހިތްވަރު ކުރި ނަމަވެސް ލަންކާ ފެނުނީ މާ ވަރުގަދަ ކޮށެވެ.

ހާއްސަކޮށް ދެވަނަ ކުއާޓާގައި ލަންކާގެ އެމިކާ ކްލޭ އާއި ސަމާރާސިންގެ ޕޮއިންޓްތަކުން ރާއްޖެއަށް ހިންދެމި ނުލެވުނެވެ. ލަންކާއިން ދިޔައީ ހާފް ކޯޓުގައި ޑިފެންސްކޮށް، ރަނގަޅު ސްޓީލްތަކެއްގައި ޕޮއިންޓް ނަގަމުންނެވެ. އެ ފޯމުގައި ދެވަނަ ކުއާޓާ ނިމުނީ 46-22 އިން ލަންކާ ލީޑުގައި އޮވެގެންނެވެ.

ރާއްޖެއިން ތިންވަނަ ކުއާޓާގައި ވަރުގަދައަށް ހިތްވަރުކޮށް، ކުއާޓާގެ ކުރީކޮޅުގައި ގިނަ ޕޮއިންޓްތަކެއް ނަގައި ނަތީޖާގެ ފަރަގު ގާތްގަނޑަކަށް 10 ޕޮއިންޓަށް ކުޑަވެސް ކުރިއެވެ. މެޗުގައި ޝިއުރާ ޖުމުލަ 10 ޕޮއިންޓް ނެގި އިރު، ބަދަލަށް ނުކުތް ހިއުމާ އުބައިދުﷲ އާއި އިނާޝާގެ ތަފާތު ކުޅުން ތިނެއް، އަދި ހަތަރުވަނަ ކުއާޓާގައި ފާހަގަކޮށްލެވުނެވެ. ހިއުމާ އުބައިދުﷲ މެޗުގައި 14 ޕޮއިންޓް ނެގި އިރު، ހަތަރު ތްރީ ޕޮއިންޓްވެސް އޭނާ ނެގިއެވެ. ޑިފެންސިވްލީވެސް ރަނގަޅަށް ކުޅުނު އިނާޝާ ވަނީ މެޗުގައި 15 ޕޮއިންޓް ނަގައިފައެވެ.