ރާއްޖޭގެ ކޮންމެ ރަށެއްގައި ނުވަތަ އަތޮޅެއްގައި އަގުބޮޑު ސާމާނާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ނުދެވިދާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިގޮތަށް ވިދާޅުވީ ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާގެ ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ނަސީމް ވިދާޅުވީ އަގުބޮޑު ސާމާނާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ހުރިހާ ރަށަކަށް އެއް ހަމަޔަކުން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ އަތޮޅެއްގައި އަދި ސަރަހަދެއްގައި ވެސް މި ދެންނެވިފަދަ އަގުބޮޑު ސާމާނު ބަހައްޓައިގެން ސްޕެޝަލިސްޓް ޑޮކްޓަރުން ހިދުމަތް ގާއިމްކުރުމަކީ ދެމެހެއްޓެނެވި އަދި ޕްރެކްޓިކަލް ކަމެއް ނޫންކަން،" ނަސީމް ވިދާޅުވިއެވެ.

ނާސިމް ވިދާޅުވީ އާ ހިދުމަތެއް ގާއިމުކުރަންވާނީ ސިޔާސީ މަގުސަދެއްގައި ވެފައިވާ ވައުދެއް ފުއްދަން އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ހިދުމަތްތައް ގާއިމްކުރުމުގެ ނިންމުންތައް ވާންޖެހޭނީ ސާބިތުހިފޭ ފަންނީ މައުލޫމާތާއި ލަފަޔަކަށް ބިނާކޮށްގެން ނިންމާ ނިންމުންތަކަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްދޭ ތަނެއްގައި ބަހައްޓާ މެޝިނަރީ އާއި ބައިތިއްބާ ސިއްހީ ހިދުމަތްތެރިންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިގެންދާނީ ދުރުރާސްތާ ޕްލޭންތަކަށް ރިއާޔަތްކޮށްގެން ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އަވަސް ފަރުވާދޭ ޔުނިޓު ގާއިމްކުރި، ދަރަވަންދޫ ސިއްހީ މަރުކަޒަކީ ސްޓްރެޖެޓިކަލީ ވަރަށް މުހިންމު ސަރަހައްދެއް ކަމަށާއި ބ. އަތޮޅަކީ ވަރަށް ގިނަ ރިސޯޓުތައް އޮންނަ ރަށަކަށްވުމުން ކުއްލި ހާލަތުގައި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ދަރަވަންދޫއަކީ އެއާޕޯޓެއް ވެސް އޮންނަ ރަށަކަށްވުމުން ސިއްހީ އަވަސް ފަރުވާގެ ޒަމާނީ ހިދުމަތެއް ދަރަވަންދޫގައި ގާއިމުވެފައި އޮތުން މުހިންމު ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސިއްހީ އެމެޖެންސީއެއްގައި ލިބެން ޖެހޭ އަވަސް ފަރުވާއަކީ އެ ފަރުވާ ދިނުމަށް ނަގާވަގުތު ފަޅި ސިކުންތެއްގެ ފަރަގުންވެސް މީހެއްގެ ފުރާނަ ސަލާމަތްވުމުގެ ނަތީޖާއަކަށް ވެދާނެ،" ނަސީމް ވިދާޅުވިއެވެ.

އެމަޖެންސީ މެޑިސިން ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށާއި އެކަމުގެ ނަތީޖާ ދަރަވަންދޫއިން މިހާރު ފެންނާނެ ކަމަށް ނާސިމް ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ދަރަވަންދޫގައި އަވަސް ފަރުވާގެ ޔުނިޓެއް ގާއިމްވެގެން ދިޔުމަކީ އެމަޖެންސީ މެޑިސިން ކުރިއަރުވަން ކުރާ މަސައްކަތް ލިބުނު ކާމިޔާބީ އެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދަރަވަންދޫ ވެގެންދާނީ އެމަޖެންސީ މެޑިސިންގައި ފާހަގަކޮށްލެވޭ ރަށަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ދަތުރު ކުރަނީ ސިއްހީ ފަރުވާ ހޯދުމަށް ކަމަށެވެ. ބޮޑުތިލަދުންމަތީގައި އިއްޔެ އިފުތިތާހުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)ގެ ހިދުމަތުގެ ސަބަބުން ފަސޭހަކަމާ އެކު ހެޔޮ އަގުގައި ސިއްހީ ފަރުވާ ހޯދޭނެ ކަމަށް ނަސީމު ވިދާޅުވިއެވެ.