ބޯހިމެނުމަށް މައުލޫމާތު ނުދެވި ތިބި މީހުން 1423 ގުޅަން ގުޅުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އެދިއްޖެއެވެ.
އެންބީއެސްއިން މިއަދުކުރި އިއުލާނެއްގައި ބުނިީ ބޯހިމެނުގެ ފީލްޑު މަސައްކަތް ރޭގެ ނިޔަލަށް ނިންމާލެވިފައިވާ ކަމަށެވެ. ނަމަވެސް ބައެއް އިމާރާތްތަކަށާއި ދިރިއުޅޭ ތަންތަނަށް ނުދެވި ހުރުމުގެ ސަބަބުން މައުލޫމާތު މުޅިން ފުރިހަމަނުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ތަންތަނުގެ މައުލޫމާތު ހޯދުނު މިންވަރަކުން ފުރިހަމަކުރަމުންދާނެ ކަމަށް އެންބީއެސްއިން ބުންޏެވެ.
މާލޭގައި މިހާތަނަށް ބޯހިމެނިފައިނުވާ ދިރިއުޅޭ ތަންތަނާއި ލޭބާ ކުއާޓާ އަދި ރަޖިސްޓާ ކޮށްގެން ހިންގާ އިގުތިސޯދީ މަސައްކަތް ހިންގާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް އެންބީއެސްއިން ބުންޏެވެ.
"ތަޅުލާފައި ހުރުމާއި މީހުންނާއި ދިމާނުވުމުގެ ސަބަބުން ތަފުސީލް މައުލޫމާތު ނުނެގިވާ ގޭބިސީތަކާއި އިގުތިސޯދީ މަސައްކަތް ހިންގާ ތަންތަނާއި މައުލޫމާތު މުޅިން ފުރިހަމަ ނުކުރެވިވާ ތަންތަނާއި ބޯހިމެނުމަށް މައުލޫމާތު ހޯދުމަށް އެދި މިބިއުރޯގެ ލިޔުމެއް ލިބިފައިވާ ފަރާތްތަކުން ބިއުރޯގެ ހޮޓްލައިން 1423 އަށް ގުޅުމުން އެފަރާތްތަކުގެ ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދެވޭނެ،" އެންބީއެސް އިން ބުންޏެވެ.
އެންބީއެސްއިން ބުނީ މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ބިއުރޯގެ ވެބްސައިޓުގައިވާ ފޯމު މެދުވެރިކޮށް، އެކަން އަންގާލުމުން ވެސް ބޯހިމެނުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.