އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އިންދާފައި ހުރި ގަސްތައް، ނަގާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މާދަމާ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ޝުނާނާ އެންޑް ކޯ އެލްއެލްޕީންނެވެ. އެކަން އެ ލޯ ފާމުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ލޯ ފާމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަމީނީ މަގުން ގަސް ކެނޑުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެތީ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި މާދަމާ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަމީނީ މަގުން ގަސް ނެގުމުގެ ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަަމަށެވެ. އެހެންކަމުން ގަސްތައް ނެގުމާމެދު އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޕެލޭނިން މިނިސްޓްރީން އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ނޫން ނަމަ "އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުން ނޫން ގޮތެއް މިކަމުގައި ހަގީގަތުގައި ނެތް،" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތްކުރާ އާރްޑީސީން ބުނީ ތާރު އަޅައިގެން އެ މަގު ހަދާއިރު، އެ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށްފަހު ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރިއަށް ކަމަށެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމުމުން އެ މަގުން ނެގި ގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު