ހދ. ފިނޭގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި، އެ ރަށުގައި އިމާރާތްކޮށްފައިވާ އާ އިންޖީނުގެ ހުޅުވައިދެއްވައިފިއެވެ.
ފިނޭގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި، އެ ރަށުގައި އިމާރާތްކޮށްފައިވާ އާ އިންޖީނުގެ ހުޅުވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.
އެކަމަށްޓަކައި ފިނޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފިނޭގައި އަސާސީ ހިދުމަތްތައް ގާއިމުކުރެވުމާ އެކު އެރަށް މިއަދު އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށަކަށް ވެފައި ކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި އެ އަސާސީ ހިދުމަތްތަކާ އެކު ތަރައްގީގެ އިތުރު ފުރުސަތުތައް އެރަށުގެ ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިރިއުޅެން ފައްކާވެފަ އޮތް ރަށެއް. ހަނިމާދު އެއާޕޯޓު މިއޮތީ 10 މިނެޓާއި 15 މިނެޓުން ދެވޭ ހިސާބުގަ. މި ރަށުގެ ތަރައްގީގެ ލޯކަލް ޓޫރިޒަމް ވެސް ދަނޑުވެރިކަންވެސް ފަށައިގެން ކުރިއަށްގެންދަންވީ. ސަރުކާރުން އަޅުގަނޑުމެން މިތިބީ ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މީގެ ކުރިން، ފިނޭގެ ރައްޔިތުން ތަހައްމަލު ކުރަން ޖެހުނު ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފިނޭގެ ތަރައްގީއަށް ދެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ފިނޭގެ ބަނދަރުގެ މަސައްކަތް ކަމަށާއި އައެ މަޝްރޫއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
ފިނޭގައި ތަރައްގީކުރި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، އާ ކަރަންޓްގެ ވިއުގަވެސް ރައީސް ވަނީ އިފުތިތާހުކޮށްދެއްވައިފައެވެ. އަދި ރައީސް ވަނީ އިންޖީނުގެ އާއި އޮފީސް އިމާރާތް ވެސް ބައްލަވާލައްވައިފައެވެ.
ފިނޭގައި ކުރިން ހުރި އިންޖީނުގެ އަކީ 18 އަހަރުވީ އިންޖީނުގެ އެކެވެ. ފިނޭގައި އަލަށް އިމާރާތްކުރި އިންޖީނުގެއިން، 570 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭ އިރު، ރަށުގެ ކަރަންޓް ނެޓްވޯކް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ.
ފިނޭގައި ފެނުގެ ނިޒާމު ގާއިމުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެންނެވެ. އެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި މަސައްކަތް އެ ކުންފުނިން ނިންމީ އޮގަސްޓް 7، 2022 ގަައެވެ. މި ޕްރޮޖެކްޓްގެ އަގަކީ 21,335,698.08 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު