ރާއްޖޭގައި މިރޭ ފެށި ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެއިން ނޭޕާލް ބަލިކޮށް، ތާރީހީ މޮޅެއް ހޯދައިފިއެވެ.
ސަރަހައްދީ އެންމެ ބޮޑު އަންހެން ބާސްކެޓް މުބާރާތް މިރޭ ރާއްޖޭގައި ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދިން މެޗުންނެވެ. މިރޭ ކުޅުނު މެޗުގައި ފަހުވަގުތު ރާއްޖެ މޮޅުވީ، ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު 51-47 ޕޮއިންޓުންނެވެ.
މިރޭ ރާއްޖެއިން ހޯދި މޮޅަކީ އަންހެން ބާސްކެޓްބޯޅައިގެ ތާރީހުގައި ރާއްޖެއިން ނޭޕާލް އަތުން ހޯދި ފުރަތަމަ މޮޅެވެ. 2016 ގެ ސާބާ އަންހެން މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި އިރު، 2019 ގެ ސާފް ގޭމްސްގައި ރާއްޖެ، ނޭޕާލް އަތުން ބަލިވީ ނުވަ ޕޮއިންޓުގެ ތަފާތުންނެވެ. އެ ދެ މުބާރާތުގައި ވެސް ރިހި މެޑަލް ހޯދި ނޭޕާލް އަތުން މިރޭ ރާއްޖެއިން ވަނީ ބަދަލު ހިފައި އަމިއްލަ ގައުމުގައި މޮޅުވެފައެވެ.
މިރޭގެ މެޗުން މޮޅުވުމާއެކު ދިވެހި މުޅި ޓީމާއި ސަޕޯޓަރުންވެސް ފެނުނީ ޖަޒުބާތުގައި އުފާފާޅުކުރި ތަނެވެ. ކުޅުންތެރިން އުފަލުން ރުއި މަންޒަރުވެސް ފެނިފައިވާ އިރު، މެޗު ދިޔައީ ވަރަށް ފޯރިގަދަކޮށް، ވާދަވެރިކޮށެވެ.
މެޗު ފަށައިގެން ރާއްޖޭގެ އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) އަދި ރައިފާ އިބްރާހިމް ރަނގަޅު ފޯމެއްގައި ކުޅުނު އިރު، އޭނާގެ ރަނގަޅު ޕޮއިންޓްތަކަކާ އެކު ފުރަތަމަ ކުއާޓާ ނިމުނީ 16-14 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާ ދެޓީމުންވެސް މިސްޓޭކްތައް ގިނަކޮށް ފެނުނު އިރު، ކުއާޓާ ނިމުނީ 25-24 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.
ތިންވަނަ ކުއާޓާގައި މެޗު އިތުރަށް ފޯރިގަދަވި އިރު، ނޭޕާލުން ލީޑުނެގިއެވެ. އެ ކުއާޓާ ނިމުނީ 34-36 ޕޮއިންޓުން ނޭޕާލުން ލީޑުގައި އޮވެގެންނެވެ.
ހަތަރު ވަނަ ކުއާޓާގެ ނޭޕާލުން ލީޑު ފުޅާކުރި އިރު، ސްކޯ 36-40 ގައި އޮއްވައި ސްކޯ ބޯޑުގެ ކަރަންޓުގޮސް މެޗު، ފަސް ވަރަކަށް މިނެޓަށް މެދު ކަނޑާލަން ޖެހުނެވެ. އެ ބްރޭކަށް ފަހު ރާއްޖޭން އަނެއްކާވެސް ކުޅުން ރަނގަޅުކުރިއެވެ. އިއްކޮ، އާމިނަތު ޝިއުރާ އަދި ފާތިމަތު ރިޝްމާގެ ތަފާތު ފަހުން ފެނުނު އިރު، ދޮޅު މިނެޓު އޮތްއިރު ނޭޕާލް އޮތީ 42-44 ޕޮއިންޓުން ކުރީގައެވެ. އެ ނަތީޖާ އަނބުރާލަން ރިޝްމާ ގާތް ގާތުގައި ދެ ސްކޯއެއް ކޮށް، އިއްކޮ މުހިއްމު ތިން ޕޮއިންޓެއް ހޯދައި، އުންމީދު ދެމެހެއްޓިއެވެ.
ފަހު ވަގުތު ރާއްޖެއަށް ލިބުނު ފުރުސަތުގައި ޕްރެޝަރު ދަނޑިވަޅުގައި ދެ ފްރީތުރޯ ވައްޓައި ރާއީ ހަމްޒާ ވެސް ރާއްޖޭގެ ލީޑު ފުޅާކޮށްދިނެވެ.
މިރޭގެ މޮޅާއެކު މުބާރާތުން އެންމެ ފަހުން ރާއްޖެ ހޯދި ލޯ މެޑައްޔަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފަހި ފުރުސަތެއް ލިބިގެންދާނެއެވެ. މިފަހަރު މުބާރާތުގައި ހަތަރު ޓީމުން ވާދަކުރާ އިރު، މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާބާ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ސްރީލާންކާ އާއި ބޫޓާނެވެ.
ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތް 2022