ކޮވިޑާއި ގުޅީގެން 2020 ވަނަ އަހަރު މެދުކަނޑާލި ރާއްޖެ އާއި ޗައިނާ އާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ރޭ ވިދާޅުވީ ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލް ކަމަށާއި ޗައިނާ ފަތުރުވެރިން ތިބީ ރާއްޖެ އައުމަށް ކެތް މަދުވެފައި ކަމަށެވެ.
ޗައިނާގައި ކޮވިޑުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ އެ ގައުމުގެ ފަތުރުވެރިންނަށް ދަތުރު ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުކުރާ ޓޫރިސްޓުންނާއި ދަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ. ދެ ގައުމު ދެމެދުގައި ސީދާ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި ދަތުރުތަށް ފަށާނެ ތާރީހެއް ވާންގް ހާމައެއް ނުކުރައްވަ އެވެ. ބެލެވޭ ގޮތުގައި ޗައިނާގެ އާއަހަރު ފެށުމުގެ ކުރިން މި ދަތުރުތައް ފަށާނެ އެވެ. ޗައިނާގެ އާ އަހަރު ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައެވެ.
ކޮވިޑުގެ ކުރިން ޗައިނާ މާކެޓަކީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓު މާކެޓެވެ. ނަމަވެސް ކޮވިޑާއެކު ޗައިނާގެ ބޯޑަރުތައް ބަންދު ކުރުމުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު