އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންކަމުގެ ހުސްވެފައިވާ މަގާމަށް ރ. އަނގޮޅިތީމު/ ކަނީރުމާގެ، މުސްތަފާ ހަމީދު އައްޔަންކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ލައިޒާ މި މަހުގެ ހަ ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމަށް 2021 ވަނަ އަހަރުން ފެށިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ އިންވެސްޓިގޭޓަރުގެ މަގާމުގައި ހުންނެވި މުސްތަފާ ހަމީދު އައްޔަންކުރިކަން ރައީސް އޮފީހުން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ޝަރީއާ އެންޑް ލޯގެ ދާއިރާއިން ބެޗްލާސް ހާސިލުކުރައްވާފައި ހުންނެވި މުސްތަފާ ހަމީދު މިހާރު ގެންދަވަނީ އިސްލާމީ ޔުނިވާސިޓީން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސްއަށް ކިޔަވާ ވިދާޅުވަމުންނެވެ.

އޭނާ ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިންވެސް ތަމްރީނު ފުރިހަމަ ކުރައްވައިފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގައި މިހާރު ތިއްބަވަނީ މުސްތަފާ ހަމީދުގެ އިތުރުން ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އާއި ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އެވެ. އަބްދުއްސަލާމް އާއި ޖިހާދާ އަނީސް އެ މަގާމަށް އައްޔަންކުރީ 2021 ވަނަ އަހަރެވެ.