އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ، ދައުލަތުގެ އެންމެ މަތީ ދަރަޖައިގެ އިއްޒަތުގައި ފަސްދާނުލުމުގެ ފުރަމާނަ ރަސްމިއްޔާތު ބާއްވާނީ ކުރިއަށް އޮތް ހަފުތާގެ ހޯމަދުވަހުއެވެ. މިއީ 67 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވޭ މިދަރަޖައިގެ މިފަދަ ދެވަނަ ޖަނާޒާއެވެ. ދައުލަތުގެ ރަސްމީ އިއްޒަތުގައި އެންމެފަހުން ފަސްދާނުލެވިފައިވަނީ 1965 ވަނަ އަހަރު ވިންސްޓަން ޗާޗިލްއެވެ. އިނގިރޭސިވިލާތުގެ ޝާހީ ޚާންދާނުގެ ބޭފުޅުންނާއި ސިޔާސީ ލީޑަރުންނަށް ހަމަޖެހިފައި އޮންނަނީ ދެވައްތަރެއްގެ ޖަނާޒާއެކެވެ. އެއްވައްތަރަކީ ދައުލަތުގެ ރަސްމީ އިއްޒަތުގެ ޖަނާޒާއެވެ. އަނެއްވައްތަރަކީ ޝާހީ އިއްޒަތުގެ ޖަނާޒާއެވެ. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ހުސްވި އަހަރު ފަސްދާނުލައިފައިވަނީ ޝާހީ އިއްޒަތުގައެވެ.

އިނގިރޭސި ތަޚުތުގައި އިންނަވާ ރަސްކަލަކު ނުވަތަ ރާނީޔަކު އަވަހާރަވެއްޖެނަމަ އެބޭފުޅަކު ފަސްދާނުލާނީ ދައުލަތުގެ ރަސްމީ އިއްޒަތުގައެވެ. ޝާހީ ޚާންދާނުގެ އެހެން މެންބަރަކަށް މިކަމެއް ނޯވެއެވެ. ސިޔާސީ ބޭފުޅުންގެ ތެރެއިން ދައުލަތުގެ ރަސްމީ އިއްޒަތުގައި ފަސްދާނުލާނެ ބޭފުޅުން ނިންމަނީ ޕާލަމެންޓުގައި ނަގާ ވޯޓަކުންނެވެ. ޕާލަމެންޓުގައި ވޯޓެއް ނަގާނީވެސް އެބޭފުޅަކަށް ދައުލަތުގެ ރަސްމީ އިއްޒަތުގެ ޖަނާޒާއެއް ހައްގު ކަމަށް ތަޚުތުގައި އިންނަވާ ބޭފުޅަކު ނިންމެވުމުންނެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ދެ ދުވަސްވަރެއްގައި ކުރައްވާފައިވާ ވިންސްޓަން ޗާޗިލްގެ ޖަނާޒާއަށް ދައުލަތުގެ ރަސްމީ ދަރަޖަ ލިބުނީ އެކަމަށް ރާނީ ހުއްދަދެއްވައި ޕާލަމެންޓުންވެސް ފާސްކޮށްގެންނެވެ. ތަޚުތުގައި އިންނަވާ ބޭފުޅަކަށް އެ އިއްޒަތް އަރުވަން ޕާލަމެންޓްގެ ހުއްދަ ބޭނުމެއް ނުވެއެވެ.

ރާނީ އެލިޒަބަތު ފަސްދާނުލާނީ ވިންސާރ ކިއްލާގެ ގޯތިތެރޭގައިވާ ފައްޅިއެއްގައެވެ. އެތަނުގެ ތެރޭގައި ޖޯޖް ހަވަނައިގެ ހަނދާނީ ކޮޓަރިޔޭ ކިޔޭ ތަނެއްގައެވެ. މިއީ ފަހަކަށް އައިސް ޝާހީ ޚާންދާނުގެ ސީނިއަރ މެންބަރުން ފަސްދާނުލެވޭ ތަނެވެ. ރާނީގެ ބަފައިކަލުންނާއި މައިކަނބަލުންނާއި ކޮއްކޯފުޅު ޕްރިންސެސް މާގްރެޓް ފަސްދާނުލެވިފައިވަނީވެސް އެތަނުގައެވެ. ހުސްވި އަހަރުގެ ތެރޭގައި އަވަހާރަވެފައިވާ ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ފަސްދާނުލެވިފައިވަނީ ވިންސާރ ކިއްލާގެ ހަމަ މިފައްޅީގައިވާ ޝާހީ ކޮށާރެއްގައެވެ. ރާނީ އަވަހާރަވުމުގެ މާކުރިންވެސް ހަމަޖެހިފައި އޮތީ ރާނީ އަވަހާރަވީމާ ޕްރިންސް ފިލިޕްގެ ސަންދޯއްވެސް ނަގައިގެން ގެނެސް ރާނީއާ ޖެހިގެން އަލުން ފަސްދާނުލުމަށެވެ. ރާނީގެ ޖަނާޒާއަށްފަހު މާގިނަދުވަސްތަކެއް ނުކޮށް ޕްރިންސް ފިލިޕްގެ ސަންދޯއް މިތަނަށް ބަދަލުކުރާނެއެވެ.

ވިންސާރ ކިއްލާގެ ގޯތިތެރޭގައިވާ ސެންޓް ޖޯޖޭ ކިޔުނު ފައްޅީގެ ބޭސްމަންޓްގައި ހަދާފައިވާ ޝާހީ ކޮށާރަކީ ވަރަށް ގިނަ އަދަދެއްގެ ޝާހީ ބޭފުޅުން ފަސްދާނުލެވިފައިވާ ތަނެކެވެ. އެތަނުގައި މިހާރުވެސް 24 ގަބުރުވެއެވެ. ހުސްވި އަހަރު ޕްރިންސް ފިލިޕްގެ ގަބުރު މިތަނުގައި ބޭއްވުމުގެ ކުރިން ދެން އެންމެފަހުން މި ކޮށާރަށް ތިރިކުރެވުނު ގަބުރަކީ 1969 ވަނަ އަހަރު އަވަހާރަވި ޕްރިންސަސް އެލިސްގެ ގަބުރެވެ. ޕްރިންސަސް އެލިސްއަކީ ޕްރިންސް ފިލިޕްގެ މައިކަނބަލުންނެވެ. ރާނީގެ އަރިހަށް ޖޯޖް ހަވަނައިގެ ހަނދާނީ ކޮޓަރިޔަަށް ޕްރިންސް ފިލިޕްގެ ގަބުރު ބަދަލުކުރެވޭ ބީދައިން ޕްރިންސަސް އެލިސްގެ ގަބުރުވަނީ މާފަހަކުން ގުދުސްގައިވާ ނަސާރާއިންގެ ޚާއްސަ ގަބުރުސްތާނަކަށް ބަދަލުކޮށްފައެވެ. އެކަން އެގޮތަށް ކުރުމަކީ އެކަމަނާގެ ވަސިއްޔަތެެއް ކަމަށް ބުނެވެއެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާޔަކީ އިނގިރޭސިވިލާތުގެ މުޅި ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރިވާ ޖަނާޒާކަމަށް ވާނެއެވެ. ދުނިޔޭގެ ސަތޭކައަށްވުރެ ގިނަ ގައުމުތަކުގެ އެންމެ އިސް ވެރީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރަޝިޔާ، ބިލަރޫސް، އުތުރު ކޮރެޔާ އަދި ބަރުމާ ފިޔަވައި އެހެން ހުރިހާ ގައުމެއްގެ ވެރީންނަށް ވަނީ ދައުވަތު އެރުވިފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދެކަނބަލުންނާއި ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރާނީގެ ޖަނާޒާގެ ކަންތައް ފަށާނީ ހޯމަދުވަހު ހެނދުނު ވެސްޓްމިންސްޓަރ ފައްޅީގައެވެ. އެއަށްފަހު ރާނީގެ ސަންދޯއް ގެންދާނީ ވިންސާރ ކިއްލާއާއި އެތަނުގައިވާ ސެންޓް ޖޯޖް ފައްޅިއަށެވެ. މިހުރިހާ މަންޒަރެއް ބީބީސީން ދުރަށް ދައްކާނެއެވެ.

ޖަނާޒާގައި ބައިވެރިވާނޭ މީހުންގެ އަދަދު ގިނަކަމާއި ސަލާމަތީ ކަންކަމަށް ވިސްނާންޖެހޭ ވިސްނުންތައް ގިނަކަމުން ރާނީގެ މި ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ގިނަ ވެރީންނަށް އަމިއްލަފުޅު މޮޓޯރކޭޑު ބޭނުމެއް ނުކުރެއްވޭނެއެވެ. ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެކަމަށް ޚާއްސަ ބަސްތަކެއްގައެވެ. އެކަމަކު މި އުސޫލުން އެމެރިކާޔާއި ފްރާންސާއި ޖަޕާނާއި އިޒްރޭލާއި ކެނެޑާޔާއި ޖަރުމަނުގެ ވެރިން އިސްތިސްނާވާނެއެވެ. އިނގިރޭސިވިލާތާއި އެންމެ ގާތް ބައިވެރިން ކަމުގައި ހިމެނޭ އެހެން ބައެއް ގައުމުތަކުގެ ވެރީންނަށްވެސް މި އިސްތިސްނާ އެރުވޭނެއެވެ. ކޮންމެއަކަސް ހޯމަދުވަހު ހެނދުނުން ފެށިގެން މެންދުރުފަހާ ހަމަޔަށް މުޅި ދުނިޔޭގެ ކަންކޮޅުތަކުގައިވެސް އެންމެ ގިނަބަޔަކު ޓީވީން ބަލާނީ ރާނީގެ ޖަނާޒާއެވެ. މުޅި އިނގިރޭސިވިލާތް އޮންނާނީ މޮޅީގެ ސާލެއްގައެވެ.