އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް ދޭއްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ ޕަބްޖީ މުބާރާތުގައި ރަޖިސްޓްރީވުމަށް އިއްޔެ ހުޅުވާލާފައިވާ ކަމަށާއި އެގޮތުން http://ore.do/contender މެދުވެރިކޮށް މުބާރާތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާ އެކު މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާ ކޮލިފައިން މުބާރާތެކެވެ.

އެ ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި، މިހާރު ހުޅުވާލާފައިވަނީ ދެވަނަ ކޮލިފައިން ސީރީޒްއަށެވެ.

އުރީދޫން ބުނީ، ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓްގައި ވާދަކުރަން ޖެހޭނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 150 ރުފިޔާ އުރީދޫއަށް ދައްކަން ޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުގެ ލޯގާ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރުމަށް ދީފައިވާ ލިންކު މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.

  • ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
  • ދެވަނަ ޓީމަށް 3،000 ރުފިޔާ
  • ތިންވަނަ ޓީމަށް 2،000 ރުފިޔާ

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އެކެއްގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން މިމަހުގެ ތިން ވަނަ ދުވަހު ފައިނަލްގައި ވާދަކުރި ތިން ޓީމެއް ވަނީ މި އަހަރު ބާއްވާ މުބާރާތަށް ކޮލިފައިވެފައެވެ. އެއީ އާރް ޖީސީ ޑެނޯ، ކޭއެޗް އީސްޕޯޓްސް އަދި އެލްއެންއެން ސްޕީޝީސްއެވެ.

އުރީދޫން ބުނީ، ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް ތިނެއްގައި ވާދަކޮށް މޮޅުވާ ތިން ޓީމު، އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ ކަމަށެވެ. އެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ.

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓްގައި ވާދަކޮށް އެންމެ މޮޅު ހަތް ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ ކަމަށާއި އެ މުބާރާތް ބާއްވާނީ މިއަހަރުގެ ނޮވެމްބަރު މަހު ކަމަށް އުރީދޫން ބުންޏެވެ.

ޑިސެމްބަރު މަހު ބާއްވާ އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ 100،000 ރުފިޔާގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ.