ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވައިލުން ހިމެނެއެވެ. އޭގެ އިތުރުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.

ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 249.90 މިލިއަން ރުފިޔާއަށެވެ.

ދެ ކޮމަންޑޫ ގުޅައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު، އެ މަޝްރޫއު އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރި ކެންޑިޑޭޓު އަދި މިހާރު އެ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން އިފްތިތާހުކުރަން މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ކޮމަންޑުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ.