އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާއެކު މާގަދަޔަކަށް ކޮންމެވެސް ޑައިމަންޑެއްގެ ވާހަކަ މީޑިޔާގައި އެބަދެކެވެއެވެ. ޑައިމަންޑަކީ ދިވެހިބަހުން އަލިމަހެވެ. ބަހުސްކުރެވެމުންދަނީ ދުނިޔެއިން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑެތި އަލިމަހުގެ ތެރެއިން ކޮހިނޫރޭ ކިޔުނު އަލިމަހެއްގެ މިލްކުވެރިކަމާބެހޭ ގޮތުންނެވެ. ފާރިސީބަހާއި އުރުދޫ ބަހުން ކޮހިނޫރުގެ މާނަޔަކީ އަލިކަމުގެ ފަރުބަދައެވެ. މި ކޮހިނޫރެއް މިވަގުތު އޮތީ އިނގިރޭސި ރަސްކަމުގެ މިލްކެއްގެ ގޮތުގައި ލަންޑަން ޓަވަރުގެ ކޮޓަރިއެއްގައެވެ. މީގެ މިލްކުވެރިފަރާތަކީ އިނގިރޭސި ތަޚުތުގައި އިންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް މިއީ އިންޑިޔާ އާއި ޕާކިސްތާނާއި އަފްޣާނިސްތާނާއި އީރާނުންވެސް އޭގެ މިލްކުވެރިކަމަށް ދައުވާކުރާ އަލިމަހެކެވެ. ކޮންމެ ބަޔަކުވެސް ބުނަނީ މިއީ އިނގިރޭސިން ފޭރިގެން ގެންގޮސްފައިވާ އަލިމަހެއް ކަމުގައެވެ.
މީން ކޮންމެ ބަޔަކުވެސް ވަނީ މި އަލިމަސް ފޮނުވައިދޭން ވަރަށް ގިނައިން އިނގިރޭސިންގެ ކިބައިން އެދިފައެވެ. އަބަދުވެސް އިނގިރޭސީންގެ ޖަވާބަކީ މިލްކުވެރިކަން ސާބިތުވާ އެއްޗެއް ނޫނެވެ. އެހެންވީމާ ދުލެއް ނުކުރެވޭނެއެވެ. މިލްކުވެރިކަން ސާބިތުވިޔަސް ނުވިޔަސް މިއީ މީލާދީން 1849 ގައި ލާހޯރުން ލަންޑަނަށް ގެންދެވުނު އަލިމަހެކެވެ. އިނގިރޭސިވިލާތުގެ ބިމަކީ އަލިމަސް ކަހަލަ ޖަވާހިރު ނެގޭ ބިމެއް ނޫނެވެ. އެޒާތުގެ ތަކެތި އާއްމުކޮށް ފެންނަ ބިމެއްވެސް ނޫނެވެ. އެހެންވީމާ މި އަލިމަހަކީ އިނގިރޭސިވިލާތުގެ ބިމުން ނެގުނު އެއްޗެއް ނޫންކަން ކަށަވަރެވެ. މީގެ ތާރީޚަކީ ވަރަށް ރަނގަޅަށް ލިޔެ ރައްކާކުރެވިފައިވާ ތާރީޚަކަށްވާތީ މީގެ މިލްކުވެރިކަން ބަދަލުވަމުން އައިގޮތާއި މި އެއްޗެއް އިނގިރޭސީން ޖަހައިގަތީ ލާހޯރުންކަންވެސް އެބައެނގެއެވެ.
ބަރުދަނުގައި ގާތްގަޑަކަށް 105.6 ކެރަޓް ހިމެނޭ ކޮހިނޫރު އަލިމަހުގެ ތާރީޚަށް ބަލައިލަމާބަހީއެވެ. މި އަލިމަހެއްގެ އަސްލު ގޮސް ގުޅެނީ އިންޑިޔާގެ އަންދްރާ ޕްރަދޭޝްއާއެވެ. އެސަރަހައްދުގައި ކަކަޓިޔާ ޚާންދާނުގެ ހިންދޫ ރަސްކަމެއް ހިނގި ޒަމާނާއެވެ. އަންދްރާ ޕްރަދޭޝްގެ ކޮއްލޫރު މައިނޭ ކިޔުނު ސަރަހައްދަކުން މި އަލިމަސް ފެނުނުކަމަށް ގަބޫލުކުރެވިފައިވަނީ މީލާދީން ތޭރަވަނަ ސައްތައިގެ ތެރޭގައެވެ. ކަކަޓިޔާ ޚާންދާނުގެ ރާޖާއިންގެ މިލްކުވެރިކަމުގެ ދަށުގައި މި އަލިމަސްވަނިކޮށް އެމީހުން ބަލިކޮށްފައި މި އަލިމަހާއި އެނޫންވެސް ގިނަ އަދަދެއްގެ ޖަވާހިރު ނަގައިގެން ދިއްލީއަށް ގެންދެވީ ދިއްލީގެ އިސްލާމް ރަސްކަލެއް ކަމުގައިވާ އަލާއުއްދީން ޚަލްޖީގެ ލަޝްކަރުގެ ކޮމާންޑަރެއް ކަމުގައިވާ މާލިކް ކަފޫރެވެ. އެއަށްފަހު މިއަލިމަސް އޮތީ ޚަލްޖީ ރަސްކަލުންގެ މިލްކެއްގެ ގޮތުގައި ދިއްލީގައެވެ.
ދިއްލީގައި ޚަލްޖީންނާއި ލޯދީންގެ ރަސްރަސްކަލުންގެ ވެރިކަން ހިނގަމުންދަނިކޮށް މީލާދީން ފަނަރަވަނަ ސައްތައިގެ ތެރޭގައި މޫޣަލް ޚާންދާނުގެ ރަސްކަލަކު އެ ސަރަހައްދު ހިފައި މޫޣަލް ރަސްކަން ގާއިމުކުރެއްވި ހިސާބުން ކޮހިނޫރު އަލިމަހުގެ މިލްކުވެރިކަން ބަދަލުވީ މޫޣަލުންނަށެވެ. މޫޣަލުންގެ ރަސްކަން އެންމެ ފުޅާވި ދުވަސްވަރު ޝާހު ޖަހާންގެ އަމުރަށް މާވަރުގަދަ މާޒީނަތްތެރި ތަޚުތެއް ތައްޔާރު ކުރެވުނެވެ. މި ތަޚުތު މަޝްހޫރުވެފައި އޮތީ ސާމަރާދޫނި ތަޚުތުގެ ނަމުންނެވެ. އެއީ ސާމަރާދޫނީގެ ދެދޫންޏެއް ފާޅުވާގޮތަށް ތަޚުތު ފަރުމާކުރެވިފައިވާތީއެވެ. މިތަނުން އެއް ދޫނީގެ ލޮލަކަށް ބޭނުންކުރީ އެއްކަލަ ކޮހިނޫރު އަލިމަހެވެ. އަނެއް ލޮލަކަށް ބޭނުންކުރީ ދާރިޔާނޫރޭ ކިޔުނު އަލިމަހެވެ. އެެއީވެސް ކޮހިނޫރު އަލިމަސް ފެނުނު މައިނުން ހަމައެދުވަސްވަރު ފެނި ހަމަ އެމަގުން މޫޣަލް ޚާންދާނަށް ނަގުލުވެފައިއޮތް އަލިމަހެކެވެ. އުރުދޫބަހުން ދާރިޔާނޫރުގެ މާނަޔަކީ އަލިކަމުގެ ކަނޑެވެ.
ސާމަރާދޫނީގެ ތަޚުތުގައި މޫޣަލް ރަސްރަސްކަލުން ކީރިތިކަމާއި މޫރިތިކަމުގައި ރެދަލިކުރައްވަނިކޮށް މީލާދީން 1739 ގައި އީރާނުގެ ޝެހެންޝާހު ނާދިރު ޝާހު އުތުރު އިންޑިޔާއަށް ލަޝްކަރެއް ފޮނުއްވައިގެން ދިއްލީ ހިފައި އެއްކަލަ ސާމަރާދޫނި ތަޚުތު އަތުލައްވައިފިއެވެ. އެތަޚުތު ކުދިކުދި ކުރައްވައި އޭގައިވާ ރަނާއި ޖަވާހިރުތައް އީރާނަށް ގެންދަވައިފިއެވެ. މިކަން ހިނގިތާ މާގިނަދުވަސްތަކެއް ނުވެ އީރާނުގެ ލަޝްކަރުގެ ތެރެއިން ބަޔަކު ބަޣާވާތްކޮށް ނާދިރު ޝާހު އަވަހާރަކޮށްލައިފިއެވެ. ދާރިޔާނޫރު އަލިމަސް މިހާރުވެސް އޮތީ އީރާނުގައެވެ. އެކަމަކު ކޮހިނޫރު އަލިމަސް ކޮންމެވެސް ގޮތަކުން ލައްވައިލީ އަފްޣާނިސްތާނުގެ ބަރަކްޒާއީ ޚާންދާނުގެ ރަސްކަލުންގެ މިލްކިއްޔާތުގެ ތެރޭގައެވެ. ލާހޫރުގައި އޮތް ސިކު ރަސްކަމާއި ބަރަކްޒާއީންނާއި ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު ދެން ކޮހިނޫރު ޖަހައިގަތީ މީލާދީން 1813 ވަނަ އަހަރު ސިކު ރަސްގެފާނު ރަންޖީތު ސިންގެވެ.
ރަންޖީތު ސިންގް އަވަހާރަވުމުން ދެން ތަޚުތަށް އިސްކުރެވުނީ އޭނާގެ ތުއްޕުޅު ދަރިކަލުން މަހާރާޖާ ދުލީޕް ސިންގެވެ. އިނގިރޭސިން މީނާޔަށް ދޯކާދީ މީނާގެ ރަސްކަންވެސް އުވާލައި މުދާތައްވެސް ފޭރިގަތީއެވެ. އޭގެތެރޭގައި އެއްކަލަ ކޮހިނޫރު އަލިމަސް ވެސް ހިމެނެއެވެ. މިއަލިމަސް ލަންޑަނަށް ފޮނުވީ 1849 ގައެވެ. މިއަލިމަސް ދެން ބޭނުންކުރަމުން އައީ އިނގިރޭސި ޝާހީ އާއިލާގެ އަންހެން ބޭފުޅުންނެވެ. އެންމެފަހުން ކޮހިނޫރު ބޭނުން ކުރެެއްވީ އިހަށް ދުވަހު އަވަހާރަވި ރާނީގެ މައިކަނބަލުންނެވެ. އެކަމަނާގެ ތާޖުގައެވެ. އިނގިރޭސި ޝާހީ އާއިލާގެ ތެރޭގައިވެސް މިއީ ސުންޕާ އަލިމަހެއްކަމަށް މަޝްހޫރުވެފައި އޮވެއެވެ. އެހެންވީމާ ތަޚުތުގައި އިންނަވާ ބޭފުޅަކު މި އަލިމަސް ބޭނުމެއް ނުރައްވައެވެ. އެއީ ތަޚުތު ގެއްލިދާފަދަ ސުންޕާކަމެއް މެދުވެރިވެދާނެ ކަމަށް ބިރުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ