ވިއަވަތި ރާއްޖެ ކޮންފަރެންސް ކާމިޔާބު ކަމަށާއި ހީކުރިވަރަށްވުރެ ޝަކުވާތައް މަދުވެއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްއަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށާއި ކައުންސިލްތަކާއެކު ސީދާ ރައީސް މަޝްވަރާތައް ބޭއްވުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. މީގެ ފުރަތަމަ ކޮންފަރެންސް ކޮރޮސްރޯޑުގައި ބޭއްވި އިރު، ދެވަނަ ކޮންފަރެންސް ބޭއްވީ މެދުރާއްޖެ ތެރެއަށް ހާއްސަކޮށްގެން އއ. އުކުޅަހުގައެވެ. ތިން ވަނަ ކޮންފަރެންސް ބާއްވާފައިވަނީ ލ. ގަމުގައެވެ
ގަމުގައި ކުރިއަށްގެންދިޔަ ވިއަވަތި ކޮންފަރެންސް ނިންމާލުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކޮންފަރެންސް ތެރެއިން ހާސިލުވި ބައެއް ކާމިޔާބާތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ވިއަވަތި ކޮންފަރެންސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުފުޅާކޮށް އެ ކޮމިޓީގެ މެމްބަރުންނަށް ސިވިލް ސާވިސްގައި އުޅޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި ބިނާވެށި ޕްލޭނަށް މުހިންމު ހައްލުތަކެއް ހޯދައިދެވިފައިވާ ކަމަށެވެ.
ރަށު ކައުންސިލްތަކައްދޭ ބްލޮކް ގްރާންޓް ދިނުމުގައި ބަދަލުތަކެއް ގެނެސް، ރަށް އުފެދިފައިވާ ގޮތާއި ހާލަތަށް ބަލައި އަދި ފައިސާ ދޭ ފޯމިއުލާއިން އިސްތިސްނާއެއް ގެނެސް، ސިޓީތަކަށް ފައިސާ ދޫކުރުމުގައި ހާއްސަ ގޮތްތަކެއް އެކުލަވާލެވުމަކީ ވެސް ވިއަވަތި ކޮންފަރެންސްއިން ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލތަކުގެ އިހުތިސޯސް ކަނޑައެޅިފައި ނެތް މައްސަލައިގައި މަޝްވަރާގެ ކުރަން ނިންމެވުމަކީ ވެސް ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ޔުޓިލިޓީ ކުންފުނިތަކަށް ރަށްރަށުން ދޭ ބިންތަކުން ކުލި ނުނަގައި އެބިންތައް ވީހާވެސް ލުއި ގޮތެއްގައި ދޫކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނިމިގެން މިދިޔައީ ވަރަށް ކާމިޔާބު ވިއަވަތި ކޮންފަރެންސްއެއް ކަމަށެވެ.
ރައީސް ވިދާޅުވީ އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގައި ކައުންސިލްތަކުގެ ފަރާތުން އައި މިންވަރަށް މިފަހަރުގެ ކޮންފަރެންސްގައި ވެސް ޝަކުވާތައް އަންނާނެ ކަމަށް ލަފާކުރެއްވި ކަމަށެވެ.
"އުކުޅަހުގައި އައި ކަންބޮޑުވުންތަކަށްވުރެ މި ކޮންފަރެންސްގައި އައި ކަންބޮވުންތައް މަދު. އަޅުގަނޑު ހީކޮށްގެން ހުރީ ދެކުނަށްވެފައި ބޮޑު އާބާދީއެއް ތަމްސީލް ކުރާ, 100 އަށްވުރެ ގިނަ ކައުންސިލަރުން އައި, އެ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑެތި ޝަކުވާތައް, ކަންބޮޑުވުންތައް އަންނާނެ ކަމަށް. އެހެންނަމަވެސް ހީކުރި ވަރަށްވުރެ ރަނގަޅަށް ދިޔައީ," ރައީސް ވިދާޅުވިއެވެ.
މިފަހަރު ކޮންފަރެންސްގައި އެހާވަރަށް ޝަކުވާ ލިބިފައިނުވަނީ ކުރިންފަހަރު ފާހަގަކުރި ކަންކަމަށް ހައްލު ހޯދައި ދެއްވާފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަތަރު ވަނަ ވިއަވަތި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހު ކުޅުއްދުއްފުށި ސިޓީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު