އަތޮޅު ކައުންސިލުތައް ކަނޑައަޅާފައި ވަނީ ރިސޯސް ސެންޓަރުތަކެއް ގޮތުގައި ކަމަށާއި އެހެންކަމުން އެ ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން އިހުތިސާސްތަކެއް ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ލާމަރުކަޒު ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ކުރިޔަގެންދިޔަ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ޕެނެލްގައި ވާހަކަދައްކަވަމުން މުގައްރިރު އަލީ ނިޔާޒު މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އަތޮޅުގެ އިހުތިސޯސް ނެތް ވާހަކަ ވަރަށް ގިނަ ފަހަރު އަޑުއިވޭ ކަމަށާއި އެހެންނަމަވެސް އަތޮޅުގެ އިހުތިސޯސެއް ނޯންނާނެ ކަމަށް ގާނޫނުގައި ލިޔެފައި އޮތީ އޮޅުމަކުން ނޫން ކަމަށެވެ.

"...އަތޮޅުގެ އިހްތިސާސެއް ނެތް, އަޅުގަނޑުމެންނަށް އޮޅިގެން ލިޔެފައި އޮތް ވާހަކައެއް ނޫން އެއީ, މި ގާނޫނުގައި އަތޮޅު ކައުންސިލް މި ބަލަނީ ރިސޯސް ސެންޓަރެއްގެ ގޮތުގައި," އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ގާނޫނު ފަރުމާކޮށްފައި އޮތީ ރަށްރަށުގެ އިހުތިސޯސް ކަނޑައަޅައި, ރަށްރަށަށް މުދާވެރިކަމާއި ފުދުންތެރިކަން އަދި މުއްސަނދިކަން ލިބޭ ގޮތަށް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ މަސައްކަތްތައް ގާނޫނުގައި ހިމަނާފައި ވަނީ ރަށްރަށުގައި ހިންގަންޖެހޭ ކަންކަން ހިންގާތޯ ބެލުމަށް ކަމަށެވެ. އޭގެ އިތުރުންވެސް އެނޫން ޓެކްޓިނަލް މަސައްކަތްތައް ކުރުމަށް މީހުން އުފެއްދުމަކީ އަތޮޅު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް އިހުތިސޯސެއް ކަނޑައަޅަން ގާނޫނު އިސްލާހުކުރަން އެ ކައުންސިލްތަކުން އެދުނު ނަމަވެސް, އެއީ ފަސޭހައިން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެކަން ބަދަލުކުރުމަށް ޖެހޭނީ ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން ކަމަށާއި އެކަން ކުރެވޭނީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.