އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން މޯލްޑިވިއަނުން މިހާރު ބޭނުންކުރާ އެއާކުރާފްޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދު ކުޑަ އެއާކުރާފްޓްތަކަށް ބަދަލުކުރާނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންއަށް މި އަހަރު އޭޓީއާރު ތިން އެއާކުރާފްޓެއް ގެނައުމަށް ވަނީ ނިންމައިފައެވެ. ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަނުން މި އަހަރުގެ ޖެނުއަރީގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އޭޓީއާރު 600-72ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72ގެ އެއް މަތިންދާބޯޓު ރާއްޖެ ގެންނާނެއެވެ.

ލ. ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެމްބަރުންނާއެކު ގަން އިހައްދޫ ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި މިހާދު ވިދާޅުވީ މޯލްޑިވިއަނުން މިހާރު ބޭނުންކުރަމުންދާ ބޯޓުތަކަކީ 23 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ބޯޓުތަކެއް ކަމަށާއި އެހެންކަމުން އެ ބޯޓުތަކުގެ ސްޕެއާ ހޯދުމާއި މެއިންޓެނެންސްއަށް ކުރަންޖެހޭ ހަރަދު ބޮޑު ކަމަށެވެ.

ނަމަވެސް އަލަށް ގެންނަ އެއާކުރާފްޓްތަކަކީ ތިމާވެއްޓާ ރައްޓެހި އަދި ތެލުގެ ހަރަދު ކުޑަ އެއާކުރާފްޓަށްވާތީ ރައްޔިތުން އެދޭ ގޮތަށް މޯލްޑިވިއަން ޓިކެޓުގެ އަގު ހެޔޮކުރެވޭނެ ކަމަށާއި އަދި އެެތެރޭގެ އުދުހުންތަކުގައި ކުރާ ދަތުރުުތައްވެސް ގިނަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދަޅުވީ، މޯލްޑިވިއަންއަށް އަލަށް ގެންނަ ބޯޓުތަކަކީ ތިމާވެއްޓަށް ގެއްލުންދޭ ވިހަ ބޭރުކުރާވަރު މަދު PW12XT ގެ އިންޖީނާއެކު ގަނެވޭ ބޯޓު ތަކެއް ކަމަށާއި އެ އިންޖީނުތަކުގެ ސަބަބުން ތެލަށްކުރާ ހޭދައިން ތިން ޕަސެންޓް އަދި މެއިންޓެނަންސްއަށް ކުރާ ހަރަދުގެ 20 ޕަސެންޓް ކުޑަވާނެ ކަމަށެވެ.

މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެވެ.