ގއ. އަތޮޅުގައި ހިންގަމުން އަންނަ ރޮބިންސަން ކްލަބް މޯލްޑިވްސްގައި މަސައްކަތް ކުރަމުން އައި ދިވެއްސަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ ސ. ހިތަދޫ އޯކިޑްގެއާގެ، އުމުރުން 35 އަހަރުގެ އަލީ ޝާހު އެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

ޝާހުގެ ހަށިގަނޑު އޭނާގެ އުފަން ރަށަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭނާގެ ކަށުނަމާދު މިރޭ އިޝާ ނަމާދުގެ ފަހުން ހިތަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިސޯޓެއްގައި މީހަކު ކުއްލި ގޮތަކަށް މަރުވެފައިވާއިރު ރޭ ހުޅުމާޅޭގެ ގެއެއްގެ ތެރޭގައިވެސް ކުއްލި ގޮތަކަށް 29 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.