އިނގިރޭސި ރާނީ އެލިޒަބަތު އުމުރުފުޅުން 96 އަހަރުގައި އިއްޔެ އަވަހާރަވުމާ ގުޅިގެން އެކަމަނާގެ ދަރިކަލުން އަދި ވަލީއަހުދު ޗާލްސް ވަނީ ރަސްކަމަށް އިސްކުރެވިފައެވެ. ކިންގް ޗާލްސް ތިންވަނައިގެ ނަންފުޅުގައެވެ. އުމުރުފުޅުން 73 އަހަރުވީ ޗާލްސްއަކީ އިނގިރޭސި ރަސްކަމުގެ ސާސްކަފަކަށްވުރެ ދިގު ތާރީޚުގައި އެންމެ މުސްކުޅި އުމުރުގައި ތަޚުތު ވާރުތަވި ވަލީއަހުދެވެ. އަދި ތަޚުތުގެ އިންތިޒާރުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ވަލީއަހުދުވެސް މެއެވެ. ޗާލްސްގެ ކުރިން މި ރިކޯޑްގެ ވެރިޔަކީ މީލާދީން 1830 ވަނަ އަހަރު ރަސްކަމަށް ވަޑައިގެންނެވި ކިންގް ވިލިއަމް ހަތަރުވަނަ އެވެ. ރަސްކަން ލިބިވަޑައިގެންނެވިއިރު އޭނާގެ އުމުރުފުޅަކީ 64 އަހަރެވެ. އެއަށްވުރެވެސް ޗާލްސް 9 އަހަރު ދޮށްޓެވެ. ޗާލްސްގެ އަނެއް ރިކޯޑަކީ ޔުނިވަރސިޓީއަކުން ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ފުރަތަމަ ރަސްގެފާނު ކަމަށް ވުމެވެ.

ވަލީއަހުދުގެ ގޮތުގައި ޗާލްސްގެ ދިގު އިންތިޒާރު ފެށުނީ 1953 ގައެވެ. ތަޚުތާ ހަމަޔަށް އެންމެ ފަހުން ވަޑައިގެންނެވުނީ 70 އަހަރު ފަހުންނެވެ. މިކަމުގެ ސިއްރަކީ ރާނީ އެލިޒަބަތުގެ ދިގު އުމުރުފުޅެވެ. އެލިޒަބަތު ދެވަނަޔަކީ އިނގިރޭސި ރަސްކަމުގެ މުޅި ތާރީޚުގައިވެސް ތަޚުތުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި ކަމަނާއެވެ. އެކަމަނާއަށް ތަޚުތު ލިބިވަޑައިގެންނެވިއިރު އުމުރުފުޅަކީ ފަންސަވީސް އަހަރެވެ. އެލިޒަބަތު ދެވަނައިގެ ކުރިން އެންމެ ދިގު ރަނިކަމެއް ކުރެއްވީ އެކަމަނާގެ މުނިމާމަ ކުއީން ވިކްޓޯރިޔާއެވެ. އެއީ 64 އަހަރަށެވެ. ކުއީން ވިކްޓޯރިޔާ އަވަހާރަވެގެން އެކަމަނާގެ ދޮށީ ދަރިކަލުން އަދި ވަލީއަހުދު އެޑްވަޑް ހަތްވަނަ ރަސްކަމާ ހަވާލުވެވަޑައިގެންނެވިއިރު އުމުރުފުޅަކީ 59 އަހަރެވެ.

އިނގިރޭސި ރަސްކަމުގެ އާދަކާދަ ނިޔާކުރާގޮތުން ތަޚުތު ހުސްވާ ވަގުތުން ފެށިގެން ވަލީއަހުދަކީ އައު ރަސްގެފާނެވެ. އެގޮތުން ރާނީ އެލިޒަބަތު ދެވަނައިގެ އެންމެފަހު ނޭވަޔާއެކު ޗާލްސްއަށް ރަސްކަން ލިބިވަޑައިގެންނެވީއެވެ. ކިންގް ޗާލްސް ތިންވަނައިގެ ލަގަބް ލިބިވަޑައިގަތީއެވެ. އެކަމަކު ރަސްމީގޮތުން މިކަމަށް އަދި ވަކި ހަފުލާއެއް ބާއްވާނެއެވެ. އެއީ އައު ރަސްގެފާނު ތަޚުތުގައި ވެޑުވުމުގެ ހަފުލާއެވެ. މި ހަފުލާ ބާއްވާނީ ރާނީ އެލިޒަބަތު އަވަހާރަވުމުގެ ހިތާމަތައް ފިލައި ދިޔުމުންނެވެ. ފަހަރުގައި އެއްއަހަރުވެސް ވެދާނެއެވެ. އެންމެ ފަހުން އިނގިރޭސި ރަސްކަމުގައި ހުންނެވި ބޭފުޅަކު އަވަހާރަވެގެން މިކަހަލަ ކަމެއް ތަޖުރިބާކުރަން ޖެހުނީ މީގެ 70 އަހަރު ކުރިންނެވެ. އެފަހަރު އެލިޒަބަތު ދެވަނަ ރަސްމީގޮތުން ތަޚުތުގައި ވެޑުވުމުގެ ހަފުލާ ބޭއްވީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ އަވަހާރަވިތާ ގާތްގަޑަކަށް ދޮޅު އަހަރު ފަހުންނެވެ.

ކިންގް ޗާލްސް ތިންވަނައިގެ ރަސްކަމުގެ ދައުރު މިހާރު އެއޮތީ ފެށިފައެވެ. ރަސްމީ ހަފުލާއެއް ބޭއްވިޔަސް އަދި ނުބޭއްވިޔަސްމެއެވެ. މި ހަފުލާޔަކީ ތަފާތު ސަބަބުތަކާހެދި ލަސްކޮށް އަވަސްކުރެވޭ ހަފުލާއެއްވެސްމެއެވެ. ކިންގް ޗާލްސް ތިންވަނައިގެ މުނި ކާފަ ކިންގް އެޑްވަޑް ހަތްވަނަ ތަޚުތުގައި ވެޑުވުންވެސް ލަސްކުރަން ޖެހުނެވެ. އެޕެންޑިކްސްގެ އޮޕަރޭޝަނެއް ކުރާން ޖެހިގެންނެވެ. ބައެއް މީހުން ނުދަންނަ ސިއްރެކެވެ. ރާނީ އެލިޒަބަތާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕަކީ ތިމާގެ ދެބޭފުޅުންކަމެވެ. ރާނީ އެލިޒަބަތުގެ ކާފަ ކިންގް އެޑްވަޑް ހަތްވަނަޔާއި ޕްރިންސް ފިލިޕްގެ މާމަ ޕްރިންސެސް އެލިސްއަކީ އެއްބަނޑު އެއްބަފައި ދެބޭފުޅުންނެވެ. އެއީ ކުއީން ވިކްޓޯރިޔާގެ ބޭފުޅުންނެވެ. އެހެންވީމާ ހަގީގަތުގައިވެސް އެލިޒަބަތާއި ޕިލިޕް ވަރަށް ތިމާގެއެވެ. އެ ތިމާގެ ކަމާއި އެ ލޯބީގެ ބަގީޗާގައި 1948 ވަނަ އަހަރު އެންމެ ފުރަތަމަ ފޮޅުނު މަލަކީ ކިންގް ޗާލްސް ތިންވަނައެވެ.

އިއްޔެ ރަސްކަމާއި ހަވާލުވެވަޑައިގެންނެވި ކިންގް ޗާލްސް ތިންވަނައިގެ ކުރިންވެސް އެހެން ދެ ރަސްކަލަކު ހަމަ އެނަންފުޅުގައި ފެނުނެވެ. ކިންގް ޗާލްސް އެއްވަނަޔާއި ކިންގް ޗާލްސް ދެވަނައެވެ. މީގެ ކުރިން މި ނަންފުޅުގައި ރަސްކަން ކުރެއްވި އެއްވެސް ރަސްކަލެއްގެ ދައުރު އަމާނެއް ނޫނެވެ. އެހެންވީމާ ބެލެވެމުން އައީ މިއީ ސުންޕާ ނަންފުޅެއް ކަމުގައެވެ. ކިންގް ޗާލްސް އެއްވަނަޔަކީ ރަސްކަމުން ބާލައި މީލާދީން 1649 ގައި ގަތުލުކުރެވުނު ބޭފުޅެކެވެ. އިނގިރޭސި ރަސްކަމުގެ ތާރީޚުގައިވެސް ގަތުލުކުރެވުނު ހަމައެކަނި ރަސްކަލަކީ އެއީއެވެ. ކިންގް ޗާލްސް ދެވަނަޔަކީ ޗާލްސް އެއްވަނައިގެ ދަރިކަލުންނެވެ. އުމުރުފުޅުގެ ބޮޑުބައެއް ހޭދަކުރެއްވީ ހަނގުރާމަތަކާއި ދުޝްމަނުންގެ ކިބައިން ފިއްލެވުންފަދަ ކަންކަމުގައެވެ. ހަޔާތުގެ ފަހުކޮޅު ރަސްކަން ލިބިވަޑައިގަތަސް ދާޚިލީ ހަމަނުޖެހުން ވަރަށް ބޮޑެވެ. ފިޓްޖެހިގެން އަވަހާރަވީ އުމުރުފުޅުން 54 އަހަރުގައެވެ.

ކިންގް ޗާލްސް ތިންވަނައިގެ ރަސްކަން ފެށުމާއެކު އެ ރަސްކަމުގެ ވަލީއަހުދަކީ ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމެވެ. އޭނާގެ އުމުރުފުޅަކީ މިހާރު 40 އަހަރެވެ. ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުގައި ވަލީއަހުދު ކަމުގައި ޗާލްސް ހޭދަކުރެއްވިހާ ގިނަ ދުވަސް ޕްރިންސް ވިލިއަމް، ތަޚުތުގެ އިންތިޒާރުގައި ހޭދައެއް ނުކުރައްވާނެއެވެ. ކިންގް ޗާލްސް ތިންވަނައިގެ ރަސްކަމުގައި އިނގިރޭސި ޝާހީ ބައެއް އާދަތަކަށް ބަދަލު އަންނާނެއެވެ. ބައެއް ލަގަބުތައްވެސް ބަދަލުވެ އަނެއްބައި ލަގަބުތައް އުވިގެންދާނެއެވެ. އައު ރަސްގެފާނަކީ އެހައި މަގްބޫލު ބޭފުޅެއްވެސް ނޫނެވެ. އެހެންވީމާ އައު ދައުރުގައި އިނގިރޭސި ރަސްކަން އުވާލައި ޖުމްހޫރިއްޔަތަކަށް އެނބުރިގަތުމުގެ ޚިޔާލުތައް ގިނަވެ ބަހުސްތައްވެސް ހޫނުވާނޭ ކަމަށް ވަނީ ހީކުރެވިފައެވެ.