އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާދެއްވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް މިއުވާން ހާމައެއް ނުކުރައްވައެވެ.
އެނގިފައިވާ ގޮތުގައި އޭނާ އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ލައިޒާ އައްޔަންކުރީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ.
މަރްޔަމް ލައިޒާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި ހިއުމަންރައިޓް ކޮމިޝަނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާކުރައްވައިފައެވެ. ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަސިޓީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން އަދި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައެވެ.
އޭނާގެ އިތުރުން ދެން އެ އޮފީހުގައި ތިއްބަވަނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފާއި އޮމްބަޑްސްޕާސަން އަދި ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަ އޮފީހެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު