ސިފައިންގެ މީހަކަށްވުމަކީ އެހެން ދާއިރާތައް އެމީހަކަށް ބަންދުވާ ސަބަބެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ޅ. މާފިލާފުށީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، މި ޒަމާނުގެ އަސްކަރިއްޔާތަކަކީ ހަމައެކަނި ހަނގުރާމައިގެ އުކުޅުތަކާއި ހުނަރުތަކުގެ މައްޗަށް ބިނާވެފައިވާ ތަންތަނެއް ނޫން ކަމަށާއި މިއަދުގެ އަސްކަރިއްޔާތަކަކީ ޓެކްނޮލޮޖީއާއި އީޖާދީ އަސްކަރީ އުފެއްދުންތަކާއެކު ތަރައްގީވަމުން އަންނަ ތަންތަން ކަމަށެވެ.
މިއަދު އެންމެ ކުރިއަރާފައިވާ އެންމެ ވަރުގަދަ އަސްކަރިއްޔާތަކަކީ ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަސްކަރިއްޔާތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމަކީ ދިވެހި ސިފައިންވެސް މިއަދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ތަފާތު ދާއިރާތަކުން އިލްމު ހޯދައިގެން ކުރިއަށް ދިޔުމުގެ އެތައް ފުރުސަތެއް ދިވެހި އަސްކަރިއްޔާގައި މިއަދު އެބައޮތް ކަމަށާއި ހުރިހާ ފަންނުތަކާއި ހުރިހާ ދާއިރާތަކުގެ މީހުން ސިފައިންގެ ތެރެއަށް ބޭނުންވާ ކަމަށެވެ. އެގޮތުން އިންޖިނޭރުންނާއި ޕައިލެޓުންނާއި ޑޮކްޓަރުންނާއި އާކިޓެކްޓުންނާއި އެތުލީޓުންނާއި ކުޅިވަރު ކުޅުންތެރިންނާއި އެނޫން ކިތަންމެ ދާއިރާއެއްގެ ފަންނުވެރިންނާއި ހުނަރުވެރިން ދިވެހި ސިފައިންގެ ތެރޭގައި މިއަދު އެބަތިބި ކަމަށް ވިދާޅުވިއެވެ.
"ސިފައިންގެ މީހަކަށް ވުމަކީ، އެހެނިހެން ދާއިރާތައް އެމީހެއްގެ ކުރިމަތީގައި ބަންދުވާ ކަމެއް ނޫން. ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ސިފައިންގެ ހިދުމަތަށް މިހާރުވެސް ބޭނުންވޭ. އެފަދަ ކޮންމެ ރޮނގަކުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ދިވެހި އަސްކަރިއްޔާ މަރުހަބާ ކިޔާނެ،" ރައީސް ވިދާޅުވިއެވެ.
ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަސްކަރިއްޔާތަކުގެ ބޭނުން މިއަދު ހިފަމުން އަންނަނީ ހަމައެކަނި ހަނގުރާމަ ކުރުމަކަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަސްކަރިއްޔާތަކުގެ ބޭނުން ބޮޑަށް ހިފަމުން އަންނަނީ ސުލްހަ ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާވެސް މިއަދު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ގައުމުގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އާއްމު ރައްޔިތުންނަށްޓަކައި ސިފައިން އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއްވެސް އެބަހުރި ކަމަށާއި ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ، ކޮންމެ ހާލަތެއްގައިވެސް ރައްޔިތުން ހިމާޔަތް ކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު