ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭ ތާރީހެއް ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ، ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭނެ ތާރީހެއް އަންގާފައި ނުވާ ކަމަށެވެ، އެހެންކަމުން މަޖިލީހުގެ އިދާރާއިން ހައިތަމް ސަލާމުގެ މުއްދަތު ސާފުކުރަން އެދިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފެށިއިރު ތަޅުމުގައި ތިއްބެވީ 31 މެމްބަރުންނެވެ. ހައިތަމް ހިމެނޭހެން ފަސް މެމްބަރަކު ތިއްބެވީ ސަލާމުގައެވެ. އެކަމަކު ނަޝީދު ހަމައެކަނި ވިދާޅުވީ ހައިތަމް ނަމެވެ.

"އަޅުގަނޑަށް ފާހަގަވޭ، މައްޗަންގޮޅި ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު ސަލާން ނިމޭ ތާރީހެއް ވިދާޅުވެފަ އެއް ނެތް. ފެށުނީއްސުރެ ފަށައިގެން ސަލާމުގައި ދަމުންދަމުން މިދަނީ. އަޅުގަނޑުގެ ހިތަށް ވަދޭ މި އިއްޒަތްތެރި މެމްބަރު ކޮންތާކުބާއޭ އުޅުއްވަނީ،" ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ހައިތަމް ބަހެއް ހޯދުމަށް "ވަން" އިން އޭނާއަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބުދެއްވައިފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ ހައިތަމް ސަލާމުގައި ގިނަ ދުވަސްވާތީ އެކަން ފާހަގަކުރައްވައިފައެވެ.

މެމްބަރުން ނެންގެވި ދެ މަސްދުވަހުގެ ޗުއްޓީއަށް ފަހު މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ މަހު ފެށި ނަމަވެސް އަދިވެސް ގިނަ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވައެވެ.