ރާއްޖެ އަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ޗުއްޓީ ހޭދަކޮށްލަން ފަސޭހަ ގައުމަކަށް ހެދުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން، ބައިނަލްއަގުވާމީ ގިނަ ފަރާތްތަކުން ބައިވެރިވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް) ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
އައިއެމްޓީއެމްގެ ހަވަނަ އެޑިޝަން ފެށުމަށް މިއަދު ހެދުނު މެންހެޓަން ބިޒްނަސް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ހަދާފައިވާ މާސްޓާ ޕްލޭންގެ ދަށުން ރާއްޖެއަކީ ހުރިހާ ފަތުރުވެރިންނަށް ވެސް ފަހި މާހައުލެއް އޮތް ގައުމަކަށް ހެދުމުގެ މަސައްކަތް ކުރިއަަށްދާނެ ކަމަށެވެ. އަދި އެ ޕްލޭންގެ ދަށުން ހާއްސަ އެހީއަށް ބެނުންވާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ހިދުމަތް ދޭ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.
"މިހާރު އޭގެ ޒާތުގައި އިންސާނިއްޔަތަށް ބެލިޔަސް، ހުރިހާ އިންސާނުންނަށް މިއޮތްފަދަ ރީތި ގައުމު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިދޭން ޖެހޭ. އެހެން ނޫނަސް މުޅި ދުނިޔޭގައި އެއް އަޑަކުން އެންމެން ދައްކަމުން އަންނަ ވާހަކައެއް ހުރިހާ އެންމެނަށް އެއް ހަމައެއްގައި ފުރުސަތުތައް ދިނުމަކީ. އަނެއްކާ އެއީ ވަރަށް ބޮޑު މާކެޓެއްވެސްމެ" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިސްޓު ބައެއް ފެސިލިޓީތަކުގައި މިހާރުވެސް ހާއްސަ އެހީއަށް ބޭނުންވާ ފަތުރުވެރިންނަށް ހާއްސަ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖެ ކުރިއަރަމުން އަންނައިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ ހުރިހާ ފަރާތްތަކަށް ތަފާތު ކުރުމެއް ނެތި، ހުޅުވާލެވިފައިވާ މަންޒިލަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އޭގެ އިތުރުންވެސް ފާއިތުވި ދެ އަހަރު، ހާއްސަކޮށް ކޮވިޑުގެ ތެރޭގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރި މަސައްކަތުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އުއްމީދުކުރައްވަނީ ވިދިވިދިގެން ތިންވަނަ ފަހަރަށް މިއަހަރުވެސް އެ ލަގަބު ރާއްޖެއަށް ލިބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އައިއެމްޓީއެމް ފަދަ ފެއާތަކުގެ ސަބަބުން އެކަން ހާސިލުކުރުމަށް މަގުފަހިވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
އައިއެމްޓީއެމް ފެއާ އަކީ ރާއްޖޭގެ އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ޕްރޮމޯޓުކޮށް، އެންމެ މަތީ ފެންވަރުގައި ޕްރޮމޯޓުކުރާ ފެއާއެކެވެ. މިއީ އަހަރަކު އެއް ފަހަރު ބާއްވާ ބީ2ބީ ފެއާގެ ހަވަނަ އެޑިޝަނެވެ. މި އަހަރުގެ ފެއާ ކުރިއަށްދާނީ މިއަދުން ފެށިގެން މާދާމާގެ ނިޔަލަށް މެންހެޓަން ބިޒްނަސް ސެންޓަރުގަ އެވެ.
މިއަހަރު އައިޓީއެމް ފެއާގެ ލޯކަލް އޮންލައިން ނިއުސް ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު