ފަތުރުވެރިންނާއެކު ސަފާރީތައް އަޅާނެ ފަޅެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ދިޔަނެރު ފަޅު ދޭއް، ހިއްކުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިޔަނެރު ފަޅު ދޭއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަކަން ރައީސް ހާމަކުރެއްވީ ބޯޓިން ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ބޯޓިން ދާއިރާ ހިންގުމާއި އެ ދާއިރާ ކުރިއެރުވުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެންބީއޭއެމްގެ މެމްބަރުންނާއި ރައީސް މަޝްވަރާކުރެއްވިއެވެ.

އެގޮތުން އެންބީއޭއެމް އިން ވަނީ އެ ޖަމިއްޔާ އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެއް ނެތުމުން ދިމާވާ ދަތިތަކާއި ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން ފާހަގަކޮށްފައެވެ.

އަދި މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުސޫލެއް ނެތުމުން ދިމާވާ ދަތިތަކާއި ބައިނަލްއަގުވާމީ ކްރޫޒް ލައިނާތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ގުދުރަތީ ވަސީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަމުގެ އިތުރުން އެންބީއޭއެމްގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެޖަމިއްޔާގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް އެއެސޯސިއޭޝަނުން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެންބީއޭއެމް އިން ފާހަގަކުރި ކަންކަން ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެއް ދިޔަނެރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީކުރުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަފާރީތަކުގެ ބަނދަރުގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ދިޔަނެރު ފަޅެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެ ފަޅު ބަޔަކަށް ދީފައިވާތީ ޓޫރިޒަމް މިނިސްޓްރީން ނިންމީ އެ ފަޅާ ޖެހިގެން އޮންނަ ދިޔަނެރު ދޭއް ތަރައްގީކުރުމަށެވެ.

މާލެ ބޭރުން އަށް ކިލޯމީޓަރު ދުރުގައި އޮންނަ "ދިޔަނެރު ދޭއް" ފަޅުގައި ސަފާރީތަކަށް ހާއްސަ ބަނދަރު ހެދުމަށް ނިންމައި ސަރުކާރުން އެކަން އިއުލާނުކުރީ 2019 ވަނަ އަހަރުއެވެ. އެ ފަޅަކީ ކުރިން މާލެ ކައިރިން ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްގީ ކުރަންވެސް ނިންމި ފަޅެކެވެ.