ރަށްރަށުން މާލެއަށް މީހުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި މުނިފޫހިފިލުވުމާއި ކުރާނެ ކަމެއް ނެތުން ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ސްޓެލްކޯއާއި ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށާއި ގްރޭޓާ މާލޭ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލުކުރަމުންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ގަރާރުގެ ބަހުސްގައި ނިޔާޒު ވިދާޅުވީ، ކުދި ވިޔަފާރިތައް އާލާކޮށް ރަށްރަށުގައި މީހުން ވަޒަންވެރިވެ ހަރުލައި ތިބުމަކީ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އަދި ރަށްރަށުގައި ވިޔަފާރި ކުރެވޭނެ ގޮތްތައް ހޯދައި، ރަށްރަށުގައި މީހުން ތިބުމަށް އަމާޒު ކޮށްގެން ލާމަރުކަޒީ ގާނޫނަށް ބޮޑު ބަދަލެއް ގެނަސްފައިވާއިރު، މިއަހަރު އެކަނިވެސް ހުޅުމާލެއަށް 1500 ކުދިން ހިޖުރަކުރުމަކީ ލިބުނު ހައިރާން ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، ކިޔަވައިދުނުމުގެ ފެންވަރަށް ބަލައި އިރު، ރަށްރަށުގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށް ބައެއް ދަރިވަރުން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި އެބަ ތިބި ކަމަށެވެ. އަދި ސިއްހީ ކަންތައްކަށް ބަލައި އިރު، އެކަން ރަނގަޅުކުރުމަށް ރަށްރަށުގެ ހޮސްޕިޓަލްތަކަށް ގެންނަ ބަދަލާއެކު އެ ހޮސްޕިޓަލްތަކަށް ހިދުމަތް ހޯދަން އެހެން ރަށްރަށުން މީހުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ބޮޑު ހަރަދު ކޮށްގެން ރަށްރަށުގައި ބޮޑެތި ބަނދަރުތައް ހަދައި ފެނާއި ނަރުދަމާ އެޅުމުންވެސް ރަށްރަށުން މީހުން މާލެއަށް ހިޖުރަކުރުމަކީ އަލުން ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ނިޔާޒު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރަށްރަށުގައި ކުދި ވިޔަފާރިތައް އުފެދޭ ގޮތަށް، ވަޒީފާތައް އުފެދިގެން ވަޒީފާތަކުގައި މީހުންނަށް ދެމި ތިބޭ ގޮތަށް އިތުރަށް ލުއިތައްދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ނިޔާޒުގެ އެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރަށްރަށުން މާލެއަށް ހިޖުރަކުރާ ސަބަބުތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ މުނިފޫހިފިލުވުމާއި ރަށްރަށުގައި މިހާރު ކުރާނެ ކަމެއް ނެތުމާއި މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާބޮޑަށް ޝައުގުވެރިވާ ކަމަށް ނުވަތަ ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލު ނޭބުރޭކަން، މިބާވަތުގެ އެތައް އެތައް ކަމެއް ހިމެނޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.