ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް އަމަލުކުރަން ސަރުކާރަށް ލާޒިމުކުރާ ގާނޫނެއް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓާ މާލެ ސަރަހައްދުގެ ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގެ ތެރެއިން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މެންބަރު ރާއީ ވިދާޅުވީ، އެ މައްސަލައަކީ އެކަން ހައްލުކުރުމަށް އެކި މަރުހަލާތަކުގައި ތަކުރާރުކޮށް ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެ މައްސަލަ މީގެ ކުރިން މަޖިލީހަށްވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލު ގެނައުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ކަމާބެހޭ ކޮމިޓީއަށް ގަރާރު ގެންގޮސް އެކަން ބަދަލުކުރުން ކަމަށާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ސަދަން އުޓިލިޓީސް އާއި ނޯތު ޔުޓިލިޓީސް އުފެއްދުން ކަމަށްވެސް ވިދާޅުވިއެވެ.
އެ މަގަށް މަޖިލީހުގެ ހުރިހާ މެންބަރުން މަސައްކަތް ކޮށްދެއްވައި، އެކަން ވާނެ ގޮތް ހައްދަވައި ދެއްވުމަށްވެސް މެންބަރު ރާއީ އެދިވަޑައިގެންނެވިއެވެ.
ރާއީގެ ވާހަކަ ނިމުމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކަމެއް ކުރަންވުމުން، އެކަން ކުރަންޖެހޭ ގޮތް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މަޖިލީހުން ނިންމާ ނިންމުންތަކަށް އަމަލުކުރަންޖެހޭ ގަރާރުތަކެއް މަޖިލީހުގެ ގަވާއިދުގައި ކުރިން އޮތް ނަމަވެސް އެ ނިންމުންތަކަށް އަމަލުކުރުން ލާޒިމުވާ ގަރާރެއް މިހާރު ނެތް ކަމަށް ވިދާޅުވިއެވެ.
"(ސަރުކާރަށް) އަމަލުކުރުން ލާޒިމުވާ ގަރާރެއްް ނުހުރޭ، މިހާރު ގަވާއިދު އެކަމަށް ޖާގައެއް ނުދޭ. ކުރީގައި މަޖިލީހުގެ ގަވާއިދުގައި ސަރުކާރަށް، އެ ގަރާރެއްގެ މައްޗަށް އަމަލުކުރުން ލާޒިމުވާ ގަރާރު ހުރޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލީހުގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމުކުރާ ގާނޫނެއް ހަދަންޖެހޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިހާރު އިއްޒަތްތެރި މެންބަރުން ހައްދަވަން ޖެހިވަޑައިގަންނަވާނެ ގޮތަކީ ގާނޫނެއް ހައްދަވަން ޖެހިވަޑައިގަންނަވާނީ، އެހެންކަމުން މެމްބަރު ތިޔަ ވިދާޅުވި ޝައުގުވެރިކަމާއި މުހިންމުކަން ހުރިކަމުގައިވަނީ ނަމަ ގާނޫނެއް، ބިލެއް، މި މަޖިލީހަށް ހުށަހެޅުމަކީ ތި ވިދާޅުވި ނަތީޖާ ނެރުމަށް އޮތް މަގު،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު