މިހާރު މިތިބީ ގްރީން ޓެކްސް ނުނަގާ ހާލަތެއްގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ގްރީން ޓެކްސް ނެގުމުގައި ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ފެށުމުން އެ ބިލާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ސަނީފެވެ.

"މި ބިލަށް ދިމާވެފައިވާ ގޮތަކީ މަޖިލީހުން ފާސްކޮށްފައި ވަނީ ގްރީން ޓެކްސް މީހުން ދިރިއުޅޭ ރަށްރަށުން ހަ ޑޮލަރުގެ ބަދަލުގައި ތިން ޑޮލަރު ނެގުމަށް، ކޮންމެވެސް ބޭފުޅުން ކޮޅަކަށް ލަފާކުރެވިފައި ވަނީ ގާނޫނުގައި އޮތް ގޮތުން އަލުން ޓެކްސް ނަގަން ފަށަނީ ހުސްކަމެއްގެ ތެރޭގައި ތިއްބަވާފައި ކަމަށް. އަދި އެއީ ޓެކްސް ނުނަގާ ހާލަތެއްގައި ތިބެފައި ކަމަށް، އެހެން ނަމަވެސް މި ތިއްބެވީ ޓެކްސް ނުނަގާ ހާލަތެއްގައި ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިގޮތަށް ޓޫރިޒަމްގެ ގާނޫނަށް މި އިސްލާހު ގެންނަން ޖެހުނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ތަސްދީގު ކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ގްރީން ޓެކްސް ނަގަން ފެށޭނީ 2023ގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް އޮތުމުން ކުރިން ނަގަމުން އައި ޓެކްސް ނެގުން ހުއްޓުމުންނެވެ.

އެ އިސްލާހާއެކު މީރާއިން ބުނެފައި ވަނީ، އެ މާއްދާ އޮތް ގޮތުން ގްރީން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ގްރީން ޓެކުހުން ދައުލަތަށް ލިބެންޖެހޭ އާމްދަނީން 300 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެހެންކަމުން ތިނެއް ޖުލައިން ފެށިގެން އަންނަ ޖެނުއަރީމަހު، ގްރީން ޓެކްސް ނެގުމާ ހަމައަށް މިދާ މުއްދަތުގައި ނަގަންޖެހޭ ގްރީން ޓެކްސް މި އިސްލާހާ ގުޅިގެން ދައުލަތަށް ނަގާނެއެވެ.

ދައުލަތުން މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ގްރީން ޓެކްސް ނަގަން ފަށަންދެން ކުރިން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރުމަށާއި އެ ނޫންވެސް އެކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ކަމަށެވެ.

އެގޮތުން ގާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުތަކުގެ ގޮތުގައި ބިލުގައި ހިމަނާފައި ވަނީ، ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދު ފަހަރާއި އެ ނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެއިން ކޮންމެ މީހަކަށް ހަ ޑޮލަރުުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މާއްދާގެ ދަށުން ނަގާ ޓެކްސް ޓޫރިސްޓުންގެ އަތުން ނަގައި ދައުލަތަށް ދެއްކުމަކީ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެގޮތުން ތިނެއް ޖުލައިން ފެށިގެން މި އިސްލާހު ފާސްވެ އަމަލުކުރުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރިތަނެއް ހިންގާ ފަރާތަކުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.