އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ޝިއާއުގެ ޕޯސްޓްމޯޓަމް ރިޕޯޓް މިދިޔަ މަހުގެ 17 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި ފޮރެންސިކް ތަހުލީލުތައް އަދިވެސް ދަނީ ކުރެވެމުން ކަމަށެވެ.

"މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަވެސް ދަންނަވަން،" ފުލުހުން ބުންޏެވެ.

ޝިއާއުގެ ޕޯސްޓްމޯޓަމް ރިޕޯޓްގެ ތަފްސީލް ފުލުހުން ހާމަކޮށްފައިނުވާ އިރު، "ވަން" އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުންވެސް ވަނީ ޕޯސްޓްމޯޓަމް ރިޕޯޓްގައި ހުރި ކަންކަން ހިއްސާކޮށްފައެއް ނުވެއެވެ. އަދި ވިދާޅުވީ ލިބުނު ވަރަކުން މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޝިއާއުގެ ހަށިގަނޑު ރާއްޖެ ގެނެސް ފުވައްމުލަކު ސިޓީގައި ވަނީ ވަޅުލައިފައެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ.